އަންނަ މަހު ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ޔޫތު ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަ ކުރާނެ ކަމުގެ ޔަގީންކަން އެފްއޭއެމުން ދީފި އެވެ.
މިދިޔަ އަހަރު ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއެކު ބޭއްވި ފުޓްބޯލް ފިއެސްޓާ އަށް ފަހު ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާން ކުރެއްވީ، އެ މުބާރާތުން ފާހަގަ ކުރެވުނު ޑްރީމް ޓީމުގެ ކުޅުންތެރިން ހިމަނައިގެން ރާއްޖޭގެ 12 އަހަރުން ދަށުގެ ޓީމު އެ މުބާރާތުގައިވާދަ ކުރާނެ ކަމަށެވެ.
ޓުއަރިޒަމް ޑޭ ފުޓްބޯލް ފިއެސްޓާގައި ޑްރީމް ޓީމު އެކުލަވާލީ ސަލްގާޑޯ އާއި އޭނާގެ އެހީތެރިންނެވެ. އެ ކުޅުންތެރިންނާއެކު 12 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) ޓީމު އެކުލަވާލައި މުބާރާތަށް ދާން ތައްޔާރުވާން ފެށި އެވެ. އެހެންނަމަވެސް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން އެފްއޭއެމް އާ ވަރަށް ގާތުން މަސައްކަތް ކުރަން ފެށި، އަލީ ވަހީދު އާއި އެފްއޭއެމް އާ މައްސަލަ ޖެހުނު ހިސާބުން އެ މުބާރާތުގައި ޒުވާން ޓީމަށް ފުރުސަތު ލިބޭނެތޯ އޮތީ ސުވާލު އުފެދިފަ އެވެ.
އެހެންނަމަވެސް މިއަދު އެފްއޭއެމުން ބުނެފައި ވަނީ ދުބާއީގެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރާނެ ކަމަށެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ ބަޔާން މިޔުނިކް، އިންޓަ މިލާން އަދި ޕޯޗްގަލްގެ ޕޯޓޯގެ އިތުން މިސްރާއި އަރަބި އެމިރޭޓްސްގެ ބައެއް އެހެން އެކެޑެމީތަކުންވެސް ވާދަ ކުރާ މުބާރާތަކީ 12 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު އެކްސްޕޮޝާއެއް ކަމަށް އެފްއޭއެމުން ބުނެފައި ވެއެވެ.
އެފްއޭއެމުން ބުނީ، އެ އުމުރުގައި ޔޫރަޕްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް މެޗުތައް ކުޅެން ފުރުސަތު ލިބުމަކީ ކުޅުންތެރިންގެ އިންޓަނޭޝަލް ތަޖުރިބާ އިތުރު ކުރުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. މި އަންނަ މަހު 13 އިން 15 އަށް ކުރިއަށްގެންދާ މުބާރާތް ކުޅޭނީ އެއިޓްސައިޑް ފޯމެޓަށެވެ.