ހަބަރު

ބަލިތަކުން ސަލާމަތަށް އެދި ގުނޫތު ނާޒިލާ ކިޔަނީ

ކޮރޯނާ ވައިރަސް އާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައި ވާތީ، ބަލިތަކުން ސަލާމަތް ކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޮރޯނާ ވައިރަސްއާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައި ވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހައި މިސްކިތެއްގައި މިއަދުގެ މަގްރިބު ނަމާދުން ފެށިގެން، ގުނޫތު ނާޒިލާ ކިޔާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތު (ދުއާ) އެކެވެ. މާތް ރަސޫލާގެ ދުވަސްވަރުވެސް ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ.

އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާއި ގުޅިގެންވެސް ވަނީ ގުނޫތު ނާޒިލާ ކިޔުއްވާފައެވެ.

ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފަށާ މިހާތަނަށް އަށް މީހަކަށް ވަނީ އެ ބަލި ޖެހިފައެވެ. އަދި މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރު އެތައް ބަޔަކަށް އެ ބަލި ޖެހި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. އެ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ.

ރާއްޖޭގައި އެންމެ ފަހުން ގުނޫތު ނާޒިލާ ކިޔާފައިވަނީ ދުނިޔޭގައި އޭރު ފެތުރެން ފެށި އެޗް1އެން1 ރޯގާއާއި ގުޅިގެން މާޗް 15، 2017 ގައެވެ.