ވަކި މީހަކު ނެތިގެން ޕާޓީ ނުހިންގޭ ކަމަށްވާނަމަ އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އިދިކޮޅު ޕާޓީގެ ލީޑަރު ކަމަށާ ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕާޓީގެ މަސައްކަތްތަކަށް ހީނަރުކަން ލިބި، ސަރުކާރު ޒިންމާދާރު ކުރުވުމަށް ދަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެކަމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށް ދިނުމަށާއި، ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމަށެވެ.
ނަމަވެސް ދައުލަތުން ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ނުހުންނެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނަކީ މިހާރު ޕާޓީއެއްގެ ލީޑަރެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ އެ ވާހަކަތައް ރައްދު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ވަކި މީހަކު ނެތިގެން ޕާޓީ ނުހިންގޭ ކަމަށްވާނަމަ އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް މިއަދު ކުރިމަތިވެފައިވާ ހާލަތަކީ އެމަނިކުފާނު އާރާ ބާރުގައި ހުންނެވިއިރު ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިމާވި ހާލަތެއް ކަމަށެވެ.
"އެމީހަކު ފޭއްސި އިލޮށިގަނޑު އެމީހެއްގެ ލޮލަށް." މާރިޔާގެ ޓްވީޓްގައި ވިދާޅުވެފައެވެ.
މާރިޔާ އެ އިޝާރާތް ކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ނުހުންނެވޭނެ ކަމަށް ގެނައި އިސްލާހަށެވެ. އެފަހަރު އެ އިސްލާހު ގެނައީ ކުރީގެ ރައީސް ނަޝީދާއި، އިމްރާން އަބްދުﷲ އަށް އަމާޒުކޮށެވެ.