އެމްއެންޑީއެފް

ހެލްކޮޕްޓަރު ދުއްވަން ދިވެހި ޕައިލެޓުން ތަމްރީން ކުރަނީ

ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ދެ ހެލްކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ތިބޭތީ އެކަމާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. އަދި ހެލްކޮޕްޓަރު އޮޕަރޭޓްކުރަން ދިވެހި ސިފައިންނާ ހަވާލު ނުކުރާތީ ފާޑުކިޔުން ބޮޑުވެފައިވަނިކޮށެވެ.

އަވަސްއާ މިރޭ ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އިންޑިއާގެ އިތުރުން ބައެއް އެހެން ޤައުމުތަކުންވެސް ޕައިލެޓުން ތަމްރީން ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

ހެލިކަޕްޓަރު ޕައިލެޓުން ތަމްރީން ކުރުމަށް މީހުން ހޯދުމަށް ވަރަށް ގިނަފަހަރެއްގެ މަތީން ވަނީ އިއުލާނުކުރެވިފައިވާ ކަމަށާ ނަމަވެސް އެކަމަށް ޝަރުތު ހަމަވާ މީހުން ކުރިމަތިނުލާ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އަދި ހެލިކަޕްޓަރު، ޕައިލެޓުން ތަމްރީން ކުރުމަށް ކުރިމަތީވަމުންދާ ގޮންޖެހުންތަކެއް އެބަހުރިކަމަށް އާޒިމް ވިދާޅުވިއެވެ.

"އެގޮތުން އޭލެވަލް ގެ ފެންވަރު ހުރި ޝަރުތު ހަމަވާ ފަރާތްތައް ކުރިމަތި ނުލުމާއި، ކޮމާޝަލް ޕައިލެޓް ލައިސަންސް (ސީ.ޕީ.އެލް) ހަދައިގެން ރާއްޖޭގެ އެހެނިހެން ކުންފުނިތަކުން ލިބޭ އުޖޫރަ ރަގަނޅު ވުމުން އެކުންފުނި ތަކަށް ޝައުގުވެރިވާކަން ފަހަގަކޮށްލެވޭ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރުވެސް ކޮމާޝަލް ޕައިލެޓް ލައިސަންސް، ހަދާފައިވާ 3 ސިފައިންގެ މީހުން އެބަތިބި ކަމަަށާ އެފަރާތްތައް ހެލިކަޕްޓަރު ޕައިލެޓުންނަށް ވުމަށް ވަކި
ޚާއްސަ ތަމްރީންތަކެއް ހަދަން ޖެހޭ ކަމަށެވެ. އަރި އެކަމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރަމުން ކަމަށެވެ.

"އަދި ކުރިމަގުގައި ސީ.ޕީ.އެލް އާއި އެކުއެކީގައި ހެލިކަޕްޓަރު ޕައިލެޓް ޓްރޭނިން ހިމެނުމަށް ދަނީ އިންތިޒާމުތައް ހަމަޖައްސަމުން. އަދި މި އަހަަރުތެރޭގައި ހެލިކަޕްޓަރު ޕައިލެޓުން ޓްރޭނިންގ ކުރުމުގެ މަސައްކަތް ފެށެނޭ."

ދާދި ފަހުން ޓީވީ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ބޭރުގެ އެއްވެސް ބަޔަކު ނުތިބޭ ކަމަށާއި އަސްކަރިއްޔާގައި ތިބެނީ ދިވެހިން އެކަނި ކަމަށެވެ. އެހެންކަމުން އަސްކަރިއްޔާގައި މިނިވަންކަމާއި އަމިއްލަވަންތަ ކަމެއް ނެތް ވާހަކައަކީ އެއްވެސް އަސާސެއް ނެތި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި ދިވެހިންނަށް އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ލިބެނީ ފައިދާ ކަމަށެވެ. ހެލިކޮޕްޓަރުތައް ބޭނުން ކުރާނީ ގެއްލޭ މީހުން ހޯދުމަށާއި ބަލި މީހުން އުފުލުން ފަދަ އިންސާނީ ހިދުމަތްތަކަކަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ރާއްޖޭ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު، އެހެން އޮންނައިރު އެމަޖެންސީގައި ބަލި މީހުން އުފުލަން ޖެހޭ ފަހަރު ވެސް އާދޭ، އަދި މީހުން ގެއްލިގެން ހިންގާ ސާޗު އޮޕަރޭޝަންތަކުގައި ވެސް މި ބޭނުން ކުރަނީ މި ހެލިކޮޕްޓަރުތައް، މިފަދަ ހިދުމަތްތައް ލިބެނުްދާއިރު ސިޔާސީ ބޭނުމަކަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ހިތާމަ ކުރަން،" މާރިޔާ ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާގެ ސިފައިންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި ސަރުކާރު ހިންގަމުން ދަނީ ވަރަށް ބޮޑަށް ވެސް އިންޑިއާއަށް ބަރޯސާވެގެންނެވެ. އަދި އަމިއްލައަށް ކަންކަން ކުރެވޭނެ އިގްތިސާދެއް ގާއިމު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ މިފަދަ އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުގެ ހަރަދުގައި ހެލިކޮޕްޓަރުތައް ހޯދައި ހިންގުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެކަމަކު ދައުލަތުގެ މާލީ ހާލަތާއި ގައުމުގެ ވަސީލަތްތައް ހުރި ގޮތުން އެފަދަ ހަރަދެއް ހިންގާނެ މުއްސަނދިކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޭނުން ޖެހިދާނެ ކަމަށް އެއިން ތަނެއްގައި ހެލިކޮޕްޓަރެއް ބާއްވައިގެން ހިންގަން އެއީ އަޅުގަނޑުމެން އަމިއްލައަށް ކުރަން ޖެހޭ ހަރަދެއްނަމަ އެއީ ވަރަށް ބޮޑު ހަރަދެއް، ބޭނުންތެރިކަމެއް، އެކަމަކު އެވަރުގެ މުއްސަނދިކަމެއް ނެތް ދައުލަތެއް ގޮތުގައި،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކަފުޅަށްވެސް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.