އެމްޑީޕީ

ޖިންސީ ގޯނާގެ ތުހުމަތުވާ މީހެއްގެ ކެންޑިޑަސީ ބާތިލްކޮށްފި

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ ވާދަކުރަން ހުށައަޅާފައިވާ ކެންޑިޑޭޓެއްގެ ކެންޑިޑަސީ ބާތިލްކޮށްފި އެވެ.

އެމްޑީޕީގެ އިންތިހާބާބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ބާތިލްކޮށްފައިވަނީ ލ. ކުނަހަންދޫ ކައުންސިލްގެ ޕްރައިމަރީގައި ވާދަކުރާ، އެ ރަަށު މަންޒިލް، އަހްމަދު ޝަރީފްގެ ކެންޑިޑަސީ ކަމަށެވެ.

އޭނާގެ ކެންޑިޑަސީ ބާތިލްކޮށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިނީ އޭނާގެ މައްޗަށް ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާތީއެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ދަނީ ކޯޓްގައިވެސް ހިނގަމުންނެވެ.

އޭނާގެ މައްޗަށް އެ ތުހުމަތު ކުރެވިފައިވަނީ ސުކޫލްގެ ޓީޗަރަކަށް އުޅުނު ދުވަސްވަރު ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގައިގެންނެވެ.

"އެ މައްސަލަ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށައެޅުމުން މައްސަލަ ބެލުމަށްފަހު މި ނިންމުން ނިންމީ." މުއިއްޒު ވިދާޅުވިއެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުފުރޭ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފަ ޖިންސީ ގޯނާކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް ކުއްޖާގެ ކާފަގެ ދިފާއުގައި ވާހަކަ ދެއްކި މީހެއްގެ ކެންޑިޑަސީވެސް މީގެ ކުރިން އެމްޑީޕީން ވަނީ ބާތިލްކޮށްފައެވެ.

އެ ފަހަރު ބާތިލްކުރީ ގއ. ކަނޑުހުޅުދޫ ކައުންސިލަށް ވާދަކުރުމަށް އެމްޑީީޕީގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ މަދީހާ އަބްދުﷲ ގެ ކެންޑިޑަސީ އެވެ.

މަދީހާ ވަނީ ކަނޑުހުޅުދޫގައި ހިނގާދިޔަ ޖިންސީ އަނިޔާގެ މައްސަލައަކީ ކުއްޖާގެ މަންމަގެ އާއިލާއިން އުފައްދާފައިވާ މައްސަލައެއް ކަމަށް ބުނެފައެވެ. އަދި އެކަން ބޮޑުކޮށްލީ މީޑިއާތަކުން ކަމަށާ އެ ކުއްޖާއަށް ބަޔަކު ޖިންސީ ބޮޑެތި އަނިޔާތަކެއް ކޮށްފައިވާނަމަ ކުއްޖާ މިހާރު ހުރި ހާލަތުގައި ނުހުންނާނެ ކަމަށް ބުނެފައެވެ.

ބޭބެ ދިފާއުކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން މަދީހާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރަން އޭނާ ފޯމް ހުށައެޅި ފޮޓޯއާއިއެކު ގިނަ ބަޔަކު ވަނީ އޭނާގެ ކެންޑިޑަސީ ބާތިލް ކުރުމަށް ގޮވާލާފައެވެ.