ރައީސް މުހައްމަދު ނަޝީދު

އިންތިހާބުގައި އެތައް ހާސް މެންބަރުން ވޯޓްލާނެ: ނަޝީދު

މިއަދު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި އެތައް ހާސް މެންބަރުން ނިކުމެ ވޯޓް ދެއްވާ ޑިމޮކްރަސީގެ ރިވެތި އުސޫލު ދައްކައިދޭނެ ކަމަށް އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ މިއަދު އޮންނާނެ އެވެ. މެންދުރު 14:30 ފެށިގެން 19:30 ހަމައަށް ވޯޓް ނެގުން ކުރިއަށްދާނެ އެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ހިނގާނެ ދުވަސް ކަމަށެވެ. މިއަދަކީ ލޯކަލް ކައުންސިލްގެ އެމްޑީޕީ ޕްރައިމަރީ އިންތިހާ އޮންނަ ދުވަސް ކަމަށާ އިންތިހާބުގައި 909 ކެންޑިޑޭޓުން ބައިވެރިވާއިރު 169 ވޯޓް ފޮށި ބެހެއްޓޭނެ ކަމަށެވެ.

"އެމްޑީޕީގެ އެތައް ހާސް މެންބަރުން ނިކުމެ ވޯޓް ދެއްވާ ޑިމޮކްރަސީގެ ރިވެތި އުސޫލު ދައްކަވައިދެއްވާނެ ދުވަހެއް." ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުން 90،000 އަށްވުރެ ގިނަ މީހުނަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވެ އެވެ.

މީގެ ކުރިން ބޭއްވި އެމްޑީޕީގެ ލީޑާޝިޕް ކަނޑައެޅުމުގެ އިންތިހާބުގައިވެސް 80،000 ވުރެ މީހުންނަށް ވޯޓް ލުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އިންތިހާބުގައި ވޯޓްދީފައިވަނީ 26،000 މީހުންނެވެ. އެކަމާ ގުޅިގެނއް ވާދަވެރިންގެ ފާޑު ކިޔުން އެމްޑީޕީއަށް އަމާޒުވިއެވެ.

ނަމަވެސް މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދިޔަ އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓްލީ އެއް ފަހަރެވެ.