އެމްޑީޕީ

އެމްޑީޕީ ޕްރަައިމަރީ: ކެންޑިޑޭޓުން ކަނޑައަޅަން ވޯޓް ނަގަން ފަށައިފި

އއ. ތޮއްޑޫއިން: އަހުމަދު ހަމީދު އާދަމް
Jan 31, 2020
1

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓް ނަގަން ފަށައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތުން 160 ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓް ނެގުން ކުރިއަށްދާނީ 14:30 ފެށިގެން 19:30 ގެ ނިޔަލަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް މާލޭގެ ހަ ތަނެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އަދި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި އެއް ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ވޯޓުފޮށި ބަހައްޓާފައިވާ ތަންތަން

  • ދަރުބާރުގެ – މާލޭގެ ފޮށިތައް
  • ކަލާފާނު ސްކޫލް – ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު
  • މަޖީދިއްޔާ ސްކޫލް – އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
  • އިމާދުއްދީން ސްކޫލް – ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު
  • އިސްކަންދަރު ސްކޫލް – ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު
  • އެމްޑީޕީ ހަރުގެ – ތ އަތޮޅު، ލ އަތޮޅު
  • މުޙިއްޔިއްދީން ސްކޫލް – ވިލިމާލެ
  • ރެހެންދި ސްކޫލް – ހުޅުމާލެ

އެމްޑީޕީން ބުނެފައިވާ ގޮތުން މިއަދުގެ އިންތިހާބުގައި 90،000 އަށްވުރެ ގިނަ މީހުނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެއެވެ.

ޕްރައިމަރީގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދާނެ ކެންޑިޑޭޓުންނަށެވެ. ސިޓީ ކައުންސިލްތަކަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 108 މެންބަރަކު ފޯމް ހުށައަޅާފައިވާއިރު، އަތޮޅު ކައުންސިލްތަކަށް ވާދަކުރުމަށް އެޕާޓީގެ ޓިކެޓް ހޯދުމަށް 53 މެންބަރަކު ވަނީ ފޯމް ހުށައަޅާފައެވެ.

މާލޭގެ މޭޔަރު ކަމަށް ހަތް ބޭފުޅަކު ވާދަކުރައްވައެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން

  • އަހުމަދު ނިޔާޒް ހ. ޕާޑަންވިލާ
  • އާދަމް މަނިކް މއ. ގޮމަށިގެ
  • އަނަސް އަބްދުއް ސައްތާރު މ. ބަޑިކުޅިމާގެ
  • ޝިފާ މުހައްމަދު ގ. އެޓްނާ
  • ޝަމާއު ޝަރީފް މ. ސަނީކޯސްޓް
  • އިބްރާހިމް ރަޝީދު މޫސާ ހ. ދޫހިމެރިގެ
  • އަބްދުﷲ ސައީދު މ. އަރީޝް

އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން

  • އަހުމަދު އަދުހަމް - ނެސްޕްރޯވިލާ
  • އަލީ ނިޒާރު - އެމްޓޭޝަންގެ
  • އަބްދުﷲ ސޯދިގް - ކައުސަރު

ފުވައްމުލައް މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން

  • މުހައްމަދު ނިޒާމް ހަސަން - މާލެގަން، މުސްކުޅިގެ
  • އަބްދުﷲ ފަލާހް ޝަރީފް - ފުނާޑް، މާނެލް
  • އިސްމާއީލް ރަފީގް - ދަނޑިމަގު، އާބާދުގެ
  • އަހުމަދު މުހައްމަދު - މިސްކިތްމަގު، ކިލެގެ

އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގެ 389 ގޮނޑިއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ޕްރައިމަރީއަކާ ނުލައި އެ ކެންޑިޑޭޓުންގެ ޓިކެޓް ވަނީ ކަށަވަރުވެފައެވެ.

މުއިއްޒު ވިދާޅުވީ، ރަށު ކައުންސިލްތަކުގެ ޕްރައިމަރީގައި 381 ގޮނޑިއަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ.

އަތޮޅު ކައުންސިލްތަކުގެ ޕްރައިމަރީގެ ތެރެއިން ދެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައި ވަނީ އެންމެ ކެންޑިޑޭޓެކެވެ. އެއީ ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓާއި ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓެވެ. އެ ދެ ކެންޑިޑޭޓުންނަށް ވެސް ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ.

ސިޓީތަކުގެ ތެރެއިން ޓިކެޓު ކަށަވަރު ކުރެވިފައި ވަނީ މާލެ ސިޓީގެ ފަސް ދާއިރާގެ ޓިކެޓާއި ފުވައްމުލައް ސިޓީގެ އެއް ދާއިރާގެ ޓިކެޓަށް ކުރިމަތިލި ކެންޑިޑޭޓަށެވެ. އެއީ ފުވައްމުލައް ހުޅަނގު ދާއިރާއާއި، މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާ، މާންފަންނު ހުޅަނގު އުތުރު ދާއިރާއާއި، މާފަންނު ހުޅުނގު ދާއިރާ އަދި މާފަންނު މެދު ދާއިރާގެ ޓިކެޓެވެ.

އެމްޑީޕީގެ ޓިކެޓު 389 ކެންޑިޑޭޓުން ކަށަވަރުކޮށްފައިވާއިރު، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 980 ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހެ އެވެ. އޭގެ ތެރެއިން ބައެއް ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީއަކުން ކަނޑައަޅާއިރު ބައެއް ގޮނޑިތަކަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރ. މީދޫ އާއި ޅ. އޮޅުވެލިފުށީގެ އެއްވެސް ގޮނޑިއަކަށް މީހަކު ކުރިމަތިލާފައެއް ނުވެ އެވެ. އަދިވެސް ބައެއް ރަށްރަށުގެ ގޮނޑިތަކަކަށް ކުރިމަތިނުލާ ގޮނޑިތައް އެބަހުއްޓެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ އެ ގޮނޑިތަކަށް ވެސް ކެންޑިޑޭޓުން ހަމަޖެއްސުމަށް އެ ދާއިރާތަކުގެ އެމްޑީޕީގެ މެންބަރުންނާ މަޝްވަރާކޮށްގެން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ ހުރިހާ ގޮނޑިއަކަށް ވެސް ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ނެރުން ކަމަށް ވިދާޅުވި އެވެ.