ހަބަރު

އެމްޑީޕީ ޕްރައިމަރީ: ހަމަނުޖެހުމާއެކު ގއ ގެ ވޯޓް ބާތިލް

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ލޯކަލް ކައުންސިލް ޕްރައިމަރީގެ ގއ އަތޮޅުގެ ވޯޓް ނެގުން ހުއްޓުވާ، އެ އަތޮޅުގެ ވޯޓްތައް ބާތިލްކޮށްފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ވަނީ ޕްރައިމަރީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ގއ އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަދި ބައެއް ރަށްރަށުގައި ވޯޓް ފޮށިތައް ވަނީ އަންދާލާފައެވެ.

އެމްޑީޕީން ބުނީ ގއ އަތޮޅުގައި ޕްރައިމަރީ ބޭއްވި ތިން ރަށުގެ ވޯޓްވެސް ބާތިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ވިލިގިލި، ދާންދޫ އަދި ކޮލަމާފުށި ވޯޓެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަމީމް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއަށްފަހު އެ ތިން ރަށުގެ ވޯޓް ބާތިލްކޮށްފައިވާ ކަމަށެވެ.

"އިންތިހާބު ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ، މިހާރު ވޯޓް ކަރުދާސްތައްވެސް ވަނީ އަންދާލާފައި." ހުސައިން ވިދާޅުވިއެވެ.

މިއަދު ބޭއްވި އިންތިހާބުގައި 909 ކެންޑިޑޭޓުން ވާދަކުރިއެވެ. އެމްޑީޕީން ބުނީ ގއ ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި އިންތިިހާބުގެ ކަންކަން ިދިޔައީ އޮމާންކޮށް ކަމަށެވެ.