ދުނިޔެ

ހެކިންގެ ވޯޓު ކާމިޔާބުވުމުން ޓްރަމްޕް ސަލާމަތްވުމާ ގާތަށް

Feb 1, 2020
2

ވޮޝިންގްޓަން (ފެބްރުއަރީ 1) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗުކުރުމާގުޅޭ ޝަރީއަތަށް ހެކިން ހާޒިރުކުރުމަށް އިދިކޮޅުން ހުށަހެޅި ހުށަހެޅުން ފާސްނުވުމުން، އިމްޕީޗުމަންޓުން ޓްރަމްޕް ސަލާމަތްވާނެކަން ވަރަށް ބޮޑަށް ޔަގީންވެއްޖެ އެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ހެކިން ހާޒިރުކުރުމާމެދު، ރިޕަބްލިކަނުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް އިތުރުވީ ޓްރަމްޕްގެ ކުރީގެ ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ކުރެއްވި އާ ތުހުމަތުތަކާއެކު އެވެ.

ބޯލްޓަން ނެރުމަށް ތައްޔާރުވަމުން އަންނަ ފޮތެއްގައި ޔޫކްރެއިން މައްސަލައާ ގުޅޭ ވަރުގަދަ ތުހުމަތުތަކެއް ހިމަނާފައި ވުމުން، ރިޕަބްލިކަން ސެނެޓަރުންނަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތިވެފަ އެވެ.

އެ ފޮތުގައި ބޯލްޓަން ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ބައިޑަންގެ ތަހުގީގެއް ހިންގުމަށް އެއްބަސް ނުވެއްޖެނަމަ، އެމެރިކާ އިން ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހިފަހައްޓާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ކަމަށެވެ.

އެ ތުހުމަތުތަކާއެކު، ރިޕަބްލިކަނުންގެ ތެރޭގައި ވަކި ގޮތެއް ނުނިންމަވާ ތިބި ހަތަރު މެންބަރަކު ހެކިން ހާޒިރުކުރުމަށް ވޯޓުދޭނެކަމަށް އިދިކޮޅުން އުއްމީދު ކުރި އެވެ. ނަމަވެސް، އިއްޔެ އެކަމަށް ނެގި ވޯޓުގައި ހެކިން ހާޒިރުކުރަން ފެންނަކަމަށް ވޯޓު ދިނީ އޭގެ ތެރެއިން ދެ މެންބަރުންނެވެ.

ހެކިން ހާޒިރުކުރަންވެސް ވޯޓު ހަމަނުވުމުން، ޓްރަމްޕް އިމްޕީޗުކުރަން ބޭނުންވާ އަދަދަށް ވޯޓު ލިބޭނެކަމުގެ އުއްމީދު އިދިކޮޅަށް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

ހައުސްގައި ރައީސަކު އިމްޕީޗު ކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރު ކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.

ސެނެޓުގެ ޝަރީއަތުގައި ދެ ފަރާތުގެ ފަހު ވާހަކަތަކަށް ފުރުސަތު ދިނުމަށްފަހު، އަންނަ ބުދަ ދުވަހު ޓްރަމްޕް އިމްޕީޗުކުރުމާމެދު ސެނެޓުން ވޯޓަށް އެހުމަށްވަނީ ހަމައްޖައްސައިފަ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.