ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް ލިބުނީ ބައިނަލްއަގްވާމީ ބޮޑު ކާމިޔާބެއް: ރައީސް

ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ބައިނަލްއަގްވާމީ ބޮޑު ކާމިޔާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ފޯނުން ގުޅުއްވާ ކޮމަންވެލްތްގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގައި އެ ޖަމާއަތާ ރާއްޖެ ރަސްމީކޮށް ގުޅިފައިވާކަން ހާމަކުރައްވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިއަދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަގްވާމީ މަސްރަހުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ހަބަރު ސެެކެޓްރީ ޖެނެރަލް ދެންމެ އަޅުގަނޑަށް ދެއްވައިފި. މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަގްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް.."

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.

އްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅީ ޑިސެންބަރު 7، 2018 ގައެވެ. އެއީ ވެރިކަމުގެ ހުވާ ކުރެއްވިތާ 20 ދުވަސް ފަހުންނެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓް ފާސްކޮށް، އެކަމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ލިބުމާ ގުޅިގެން ރައީސް ސޯލިހު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ވަނީ ސިޓީއެއް ފޮނުއްވައި ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ. އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން ކޮމަންވެލްތްގެ ޗާޓަރު ގަބޫލުކޮށް އެ ޖަމާއަތުން ނަގަހައްޓާ އުސޫލުތަކަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ، 9 ޖުލައި 1982ގަ އެވެ.