މަޖީދީމަގުގައި އެކަނި ހުރި ކުޑަ ކުއްޖެއް ފުލުހުންގެ އިދާރާއަށް ގެނެސްފައިވާ ކަމަށާ އެ ކުއްޖާ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި ބެެލެނިވެރިއެއް ނެތި މަޖީދީމަގުގައި އެކަނި ހުއްޓާ ފުލުހުންގެ ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ ދެ އަހަރު ނުފުރޭ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ ފުލުހުން ގެންދިޔައީ މިރޭ 21:30 އެހާކަންހާއިރެވެ.
ފުލުހުން ދެންމެ ބުނީ ކުޑަ ކުއްޖާގެ މައިންބަފައިންނާ ގުޅިފައިވާ ކަމަށެވެ، އަދި ކުއްޖާ އާއިލާއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޑަ އަންހެން ކުއްޖާ އެކަނި ބެެލެނިވެރިއެއް ނެތި މާލޭގެ އެންމެ ކާރޫބާރު ބޮޑު މަގުގައި ހުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.
މީގެ ކުރިންވެސް މަޖީދީމަގުގައި އެކަނި ހުރި ކުޑަކުއްޖަކަށް ފުލުހުން ވަނީ އެހީތެރިވެދީފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ދަރިންނަށް، ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.