ހަބަރު

10 އަަހަރުން 1841 އެންސީއޯ ތަމްރީން ކޮށްފި

ކ. ގިރިފުށީގައި ހުންނަ އެމްއެންޑީއެފް ނޮން ކަމިޝަންޑް އޮފިސާސް އެކަޑަމީ (އެންސީއޯ އެކަޑަމީ) އިން 10 އަހަރުގެ ތެރޭގައި 1841 އެންސީއޯއިން ތަމްރީނު ކޮށްފައިވާ ކަމަށް އެ އެކަޑަމީން ބުނެފި އެވެ.

ފެބްރުއަރީ 1، 2010 ގައި އިފްތިތާހު ކުރި އެންސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.

އެ އެކަޑަމީން ބުނީ މިދިޔަ 10 އަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ އެންސީއޯއިން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްތައް ކަމަށާއި އެ ޕްރަގްރާމްތަކުގައި 1841 އެންސީއޯއިން ތަމްރީން ކޮށްފައިވާ ކަމަށެވެ.

އެންސީއޯ އެކަޑަމީން ކުރިއަށްގެންދާ އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ނިޒާމްގެ ދަށުން، އެ އެކަޑަމީގައި 36 ކޯޕްރަލް ކޯހާއި، 28 ސާޖަންޓް ކޯހާއި، އައް އެންސީއޯ ކެރިއާ ކޯހާއި، ފަސް އެންސީއޯ އެޑްވާންސް ކޯސް ހިންގާފައި ވެއެވެ. އަދި، އެންސީއޯ އެކަޑަމީގެ ފުރާޅުގެ ދަށުން މިހާތަނަށް، 1039 ކޯޕްރަލުންނާއި، 618 ސާޖަންޓުންނާއި، 128 ސްޓާފް ސާޖަންޓުންނާއި، ސާޖަންޓް ފަސްޓް ކްލާސް އަދި ފަސްޓް ސާޖަންޓް ރޭންކުގެ 56 އެންސީއޯއިންނާއެކު ޖުމްލަ 1841 އެންސީއޯއިން ދަސްވެނިވިފައިވެއެވެ. އޭގެ ތެރޭގައި 53 އަންހެން އެންސީއޯއިން ހިމެނެއެވެ.

އެންސީއޯ އެކަޑަމީގެ އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ނިޒާމްގެ ދަށުން މިދިޔަ 10 އަހަރު ހުއްޓުމެއްނެތި އެންސީއޯ އެކަޑަމީން ހިންގި ގިނަ އަދަދެއްގެ ޕްރޮގްރާމްތަކުގެ ސަބަބުން، އަސްކަރިއްޔާގައި މަސައްކަތްކުރާނެ ގާބިލް ލީޑަރުން އެންސީއޯ އެކަޑަމީން އުފައްދާފައިވާ ކަމަށް ވަނީ ބުނެފައެވެ. މިގޮތުން ދިވެހި އަސްކަރިއްޔާގެ ހުރިހާ ސާވިސް ބްރާންޗަކާއި، އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކޮމާންޑް ތަކަކަށް އެންލިސްޓެޑް ލީޑަރުން ތަމްރީނުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.