ދިވެހި ސިނަމާ

އިއްލެގެ "ނީނާ" ގެ ޝޫޓިން ފަށައިފި

Feb 2, 2020
1

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފީޗާ ފިލްމް "ނީނާ" ގެ ޝޫޓިން ފަށައިފި އެވެ.

"ބަވަތި" ގެ ނަމުގައި ގެނެސްދިން ފީޗާ ފިލްމާއެކު ގިނަ ބައެއްގެ ލޯ އަމާޒުވި އިއްލެގެ ދެވަނަ ފީޗާގެ ނަމާއި ކާސްޓުން އިއުލާނުކޮށް ފިލްމުގެ ޝޫޓިން އިއްޔެ ވަނީ ފަށާފަ އެވެ.

ފިލްމް އިންޑަސްޓްރީއަށް މި އަހަރު އަލަށް ނުކުތް "އައި ފިލްމްސް" ގެ "ނީނާ" ގައި ވެސް ފެނިގެންދާނީ "ބަވަތި" ގައި މޮޅު ރޯލެއް ކުޅެދިން ކުޅަދާނަ ޒުވާން ފިލްމީ ތަރި ނުޒުހަތު ޝުއައިބެވެ. ދެން ޖުމައްޔިލް ނިމާލާއި، މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) އެވެ. މި ފިލްމަށް މުޅިން އަލަށް ދެ ތަރިން ތައާރަފު ކުރާނެ އެވެ. މީގެ އިތުރުން "ބަވަތި"ން ފެނިގެންދިޔަ ބައެއް ތަރިން ވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގައި ނުޒޫ ފެނިގެން ދާނީ ތަފާތުކޮށްކަން ވަނީ ޔަގީން ކުރެވިފަ އެވެ. މިހާރުވެސް ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ނުޒޫ ވަނީ ފަށާފަ އެވެ. އެގޮތުން މާޝަލް އާޓްސް ދަސް ކުރުމުގެ މަސައްކަތް ކުރަނިކޮށް ނުޒޫ ނަގާފައިވާ ބައެއް ފޮޓޯތައް އައި ފިލްމްސްއިން ވަނީ އާންމުކޮށްފައެވެ.

"ނީނާ" ލިޔެފައިވަނީ ވެސް އިއްލެ އެވެ. މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.

އިއްލެގެ ފުރަތަމަ ފީޗާ ފިލްމް "ބަވަތި" ރިލީޒްކޮށްފައި ވަނީ މިދިއަ ސެޕްޓެންބަރު މަހުގެ ދެވަނަ ދުވަހު އެވެ.

"ބަވަތި" ވެގެންގޮސްފައި ވަނީ މިއަހަރު ސްކްރީނަށް އައި އެންމެ މޮޅު އެއް ފިލްމަށެވެ. ދިވެހި ފިލްމަށް ލޯބިކުރާ ގިނަ ބައެއްގެ ނަޒަރުގައި "ބަވަތި" އެއީ މިފަހުން އޮލިންޕަހުގައި ދެއްކި އެންމެ މޮޅު ފިލްމެވެ. ފިލްމުގެ ވާހަކަ ގެނެސްދީފައިވާ ގޮތާއި، ތަރިންގެ އެކްޓިން އަދި ވީޑިއޯ މަސައްކަތާއި، އެޑިޓިން އަދި ފިލްމުގައި ބޭނުންކޮށްފައިވާ ސްޕެޝަލް އިފެކްޓްތަކަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ތައުރީފު ކުރިއެވެ.