ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ޗައިނާގައި އަދިވެސް 43 ދިވެހިން އެބަތިބި

ޗައިނާގައި ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެ ގައުމުގައި އަދިވެސް 43 ދިވެހިން އެބަތިބިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރުނު ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ހަތް މީހަކު މިހާރު އިންޑިއާއަށް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިން ތިބޭނީ އިންޑޯޗިޕިޓޯ ބޯޑާ ޕޮލިސް ޗައުޅާ ކޭންޕްގައި ކަމަށާ އެ ތަނުގައި ފުރިހަމަ ކުރަންޖެހޭ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާނެ ކަމަށެވެ.

"އިންޑިއާއަށް ގެނެވުނު މީހުން އިންޑޯޗިޕިޓޯ ބޯޑާ ޕޮލިސް ޗައުޅާ ކޭންޕަށް މިއަދު ގެންދާނެ، އެ ކޭންޕަށް ފޯރާނެ މިއަދު މެންދުރު 12 ޖަހާއިރު. އެ ކޭންޕްގައި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީގެ މުއްދަތު ފުރިހަމަ ކުރާނެ. ކޭންޕަށް އަޅުގަނޑުމެންގެ ދިވެހި ހަތް ރައްޔިތުން ފޯރާއިރު އަޅުގަނޑުމެން ހައިކޮމިޝަންގެ ފަރާތުން ރައްޔިތުންނަށް އާއިލާތަކާއި ގުޅޭނެ ގޮތަށް މޯބައިލް ސިމްއާ ތަކެތި ރައްދުކޮށްދޭނެ. އަދި އަޅުގަނޑުމެން ވަރަށް ގާތުން އެމީހުންގެ ހާލަތު ބަލަމުން ގެންދާނެ." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ޗައިނާގައި 43 ދިވެހިން އެބަތިބި ކަމަށާ އެ މީހުންގެ ހާލު ބަލަމުން ގެންދާ ކަމަށެވެ. އަދި އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް މޯލްޑިވިއަންއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވުހާންގައި ތިބި ދިވެހިންގެ އިތުރުން އެހެން ސިޓީތަކުގަިއ ތިބި ދިވެހިންނަށް މޯލްޑިވިއަންގެ ފްލައިޓްގައި ރާއްޖެ އާދެވޭނެ އިންތިޒާމް ހަމަޖައްސާ، ރަޖިސްޓްރީވުމަށް ހުޅުވާލުމުން ރަޖިސްޓަރީ ކޮށްފައިވަނީ އެންމެ ދެ މީހުން ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެކަކު މިހާރު ޗައިނާއިން އަންނަން ބޭނުން ނުވާކަން އަންގާފައިވާ ކަމަށާ އެހެން ކަމުން ސަރުކާރުން ހިލޭ ދިން ފުރުސަތުގައި ރާއްޖެ އަންނަން އެދުނީ އެންމެ ދިވެއްސެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ޗައިނާ ފަތުރުވެރިން އެބަތިބި ކަމަށާ އެ ފަތުރުވެރިން ބަލާ އެ ގައުމުން ފްލައިޓްތައް އަންނަމުންދާ ކަމަށެވެ. އަދި އެ ފްލައިޓްތަކުން އެއްވެސް ފަސިންޖަރަކު ރާއްޖެ ނާންނާނެ ކަަމަށް ޝާހިދު ވިދާޅުވިއެވެ.