ޗައިނާ އިން އުފަންވެ، ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ކުރެވިފައިވާ އާރަށުގައި ކަރަންޓީން ފެސިލިޓީސް ގާއިމްކުރުމުގެ ހުއްދަ ރައީސް ދެއްވާފައިވާ ކަމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައީސް ސޯލިހް ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ވަޒީރުން ހިމެނޭގޮތަށް އެކުލަވާލާފައިވާ މި ޓާސްކްފޯހުގެ ބައްދަލްވުމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ކުރެވިފައިވާ އާރަށުގައި ކަރަންޓީން ފެސިލިޓީސް ގާއިމްކުރުމުގެ ހުއްދަ ރައީސް ދެއްވާފައިވާ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެއީ ރައީސްގެ އަމިއްލަފުޅު އިސްނެންގެވުމެއް ކަމަށާ ވައިރަހާއި ގުޅިގެން ރައްޔިތަކު ނުވަތަ ފަތުރުވެރިއަކު ކަރަންޓީން ކުރަން ޖެހިއްޖެނަމަ އެކަމަށް އާރަށް ބޭނުން ކުރެއްވުމަށް ރައީސް ހުއްދަ ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކަރަންޓީ ކުރުމަށް ރަށްތައް ކަނޑައަޅާނީ ޓާސްކްފޯހުން ކަމަށެވެ.
"އިތުރު ކަރަންޓީން ފެސިލިޓީސްތަކާއި ގުޅޭގޮތުން އިސްނަންގަވާ ރައީސް ވަނީ ޓާސްކްފޯހަށް އޮފާ ކުރައްވާފައި އާރަށް ބޭނުން ކުރުމަށް. އެހެންވީމަ އާރަށް އެ ހުރީ ފްލީ ތައްޔާރުވެ މިކަމާއި ގުޅިގެން، ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހި ރައްޔިތުންވެސް އަދި ފަތުރުވެރިންވިޔަސް ކޮންމެ މީހަކު ވިޔަސް ކަރަންޓީން ކުރަން ޖެހިއްޖެއްޔާމު އެންމެ ފުރަތަމަވެސް ކަރަންޓީން ކުރުމަށް އެ އޮޕްޝަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހަށް ދެއްވާފައި. އެހެންވީމަ ޓާސްކް ފޯހުން މެޑިކަލީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމަކާއި ގުޅިގެން ކަރަންޓީން ފެސިލިޓީސް ގެންނާނެ ގޮތްތައް ނިންމާނީ." އަލީ ވަހީދު ވިދާޅުވިއެވެ.
އައު ރަށަކީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ރަށެކެވެ. އެ ރަށް ކުރީގެ ރައީސް ޔާމީންގެ ދުވަސްވަރު ވަރަށް ބޮޑަށް ވަނީ ތަރައްގީކުރައްވާފައެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި މިހާރު ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފައިވާ ފުނަދޫއަކީ ވަރަށް ގިނަ މުވައްޒިފުން މަސައްކަތްކުރާ ތަނަކަށްވުމުން ފުނަދޫގައި މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މުވައްޒިފުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފުނަދޫގެ އިތުރުން ސަރުކާރުން މިހާރު ވަނީ ފަރުކޮޅުފުށީގައި ވެސް ހާއްސަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިނިސްޓަރުވިދާޅުވީ ފަރުކޮޅުފުށީގައި މިހާރުވެސް އައިސޮލޭޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އެ ސެންޓަރު ހާއްސަ ކޮށްފައި ވަނީ ކްލިނިކަލް ފަރުވާއަށް ކަމަށާ އެއީ ޖާގަ އިތުރު ކުރަމުން ދަނީ ދިމާވެދާނެ ހާލަތަކުން ރައްކާތެރިވުމަށްޓަކައި ކަމަށެވެ.