ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ސްކްރީން ކުރުން ވަރުގަދަ ކުރަން އިތުރު ކެމެރާ

ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އިތުރު ކެމެރާތައް ގެނެސް ބޭނުން ކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމަށް މީގެ ކުރިން ވީއައިއޭގައި ބޭނުން ކުރަމުންދިޔައީ އެންމެ ކެމެރާއެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކެމެރާތަކެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ގެނައި ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ. ކުރިން ހެލްތް މިނިސްޓަރު ވަނީ ވަރަށް އަވަހަށް ތާމަލް ކެމެރާގެ ހަ ކެމެރާ ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް މިހާރު އެތެރެވާ ކޮންމެ މީހަކުވެސް ރަނގަޅަށް ސްކްރީން ކުރެވެމުންދާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތާވެސް ސްކްރީން ކުރުން ވަރުގަދަ ކުރާނެ ކަމަށެވެ. އެގޮތުން އަންނަ އަންގާރަ ދުވަހު އިތުރު ހަތަރު ކެމެރާއާއި އެ ކެމެރާތައް ބަލަހައްޓާ މޮނިޓަރު ކުރާނެ މީހުން ރާއްޖެ އަންނާ ކަމަށެވެ.

"ރާއްޖެއަށް މިހާރު އެތެރެވާ ހުރިހާ ދޮރާއްޓެއް ތާމަލް ކެމެރާތަކުން ރަނގަޅަށް ބަލަމުން ގެންދެވޭ ކަމަށް. އަދި އޭގެ އިތުރުން ހަތަރެއް ފެބްރުއަރީ ދުވަހު އިތުރު ކެމެރާ ސެޓްތައް އެބަ ގެންނަން ކަމާބެހޭ މީހުންނާއެކު. އޭގެ ބޭނުމަކީ އެނގިވަޑައިގަންނަވާނެ ދުނިޔޭގެ ގައުމުތަކުގައިވެސް މި ބަލި ޖެހިފައިވާ މީހުން މިވަނީ މަދުން ނަމަވެސް ފެނިފައި، އެހެންވީމަ ރާއްޖެއަށް ޒިޔާރަތް ކުރާ މީހުން މިހާރަށްވުރެވެސް ހަރުދަނާކޮށް ބެލުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެދުމެއް." އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު މިއަދު ވަނީ ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ މާސްކުވެސް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.