ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެވަރުން ހޯދި މާސްކަށް ހަދަންވީ މިހެން؟

Feb 2, 2020
1

ޗައިނާ އިން އުފަންވެ، ދުނިޔެއަށް ފެތުރިފައިވާ އާ ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔެ ވަނީ ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. އޭގައި ރާއްޖެ ވެސް އިސްތިސްނާއެއް ނުވެ އެވެ. ކޮންމެ މީހަކުވެސް އެ ވައިރަސް ޖެހިދާނެ ކަމުގެ ބިރަށް، އެ ބަލިން ރައްކާތެރިވެވޭނެ ގޮތްތައް ބަލަނީ އެވެ.

އޭގެ ތެރޭގައި އެހެން އެއްވެސް ކަމަކަށްވުރެ މުހިންމު ވަނީ، އަނގަމަތީގައި އަޅާނެ މާސްކު ހޯދާށެވެ. އެ ވައިރަސް އިންސާނުންގެ ކިބައިން ގައިން ގަޔަށް އަރަނީ އެ ބަލި ޖެހިފައިވާ މީހަކު ކެއްސާއިރު، ކިނބިހިއަޅާއިރު، ނޫނީ ވާހަކަ ދައްކާއިރު، އަނގައިން ބޭރުވާ ކުޅު ނޫނީ އަރިދަފުސް ކޮޅެއްގެ ޒަރިއްޔާއިން ކަމަށް އަޑުއިވޭތީ އެވެ.

އެއާ ވިދިގެން ސިއްހީ މާހިރުން ތަކުރާރުކޮށް ބުނަމުން އަންނަ އެހެން ވާހަކަތައް އަޑު އަހާލަން މަޑުކޮށްލާކަށް ވެސް ގިނަ ބަޔަކު ބޭނުންމެއް ނޫނެވެ.

ކޮރޯނާ ވައިރަހާ ގުޅޭގޮތުން އެޗްޕީއޭއިން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަންގެ އޭޖެންސީގެ (އެޗްޕީއޭ) އެޕިޑަމޮއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަކީ އޭގެ ޒާތުގައި އަރިދަފުސް ރޯގާގެ ބާވަތެއް ކަމަށެވެ. އަދި އެ ވައިރަހުގެ ސަބަބުން ފުއްޕާމެއަށް ގެއްލުން ލިބި، ސީރިއަސް ހާލަތަކަށް ދަނީ ވައިރަސް އަރާ މީހުންގެ ތެރެއިން މަދު ބަޔެއް ކަމަށެވެ.

"އޭގެ ޒާތަށް ބަލާއިރު، އިންފްލުއެންޒާއަކީ މިއަށް ވުރެ މާ ނުރައްކާތެރި ބައްޔެއް. އިންފްލުއެންޒާއެކޭ އެއްގޮތަށް މި ވައިރަސްގައި ވެސް ނުރައްކާ މިވަނީ ވަކި ހާލަތްތަކެއްގައި. އެއީ ނިއުމޯނިއާ ޖެހި ނޭވާލާ ނިޒާމަށް ނުރައްކާ ކުރިމަތިވުމުން. މަދު މީހަކު ސީރިއަސްވަނީ ހަގީގަތުގައި. ބޮޑު ބަޔަކީ ހަފުތާއެއްގެ ތެރޭގައި އެއްކޮށް ރަނގަޅުވެގެން ދާނެ ބަޔެއް،" އަފްޒަލް ވިދާޅުވި އެވެ.

އަފްޒަލް އިތުރަށް ވިދާޅުވީ މި ކޮރޯނާ ވައިރަސް ގައިން ގަޔަށް އރުމުގައި ވެސް ވަކި ހާލަތްތަކެއް ހުންނަ ކަމަށާއި، އެ ވައިރަހަކީ ވައިގެ ތެރެއިން ޖެހޭ ބައްޔެއް ނޫން ކަމަށެވެ. އެގޮތުން، އެ ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ، އެ ވައިރަސް ޖެހިފައިވާ މީހެއްގެ ތިން ފޫޓު ކައިރީގައި މަދުވެގެން 15 މިނެއްޓު ހޭދަ ކުރުމުން ނޫނީ އެ މީހަކާއެކު ބެދިފައިވާ ތަނެއްގައި ދެ ގަޑިއިރު ހޭދަ ކުރުމުން ކަމަށެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އެހެން ވާހަކައެއް ވެސް ވިދާޅުވެ ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަރަށް އާދައިގެ ކަންތައްތައް ކޮށްލައިގެން ވެސް މި ވައިރަހުން ރައްކާތެރި ވެވޭނެ އެވެ. އެއީ ކެއްސާ ނޫނީ ކިނބިހި އަޅާއިރު ޓިޝޫ ފަދަ އެއްޗެއް ބޭނުން ކުރުމެވެ. ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި މަގު މައްޗަށް ކުޅު ނުޖެހުމެވެ.

ދެން ވިދާޅުވީ އެންމެ މުހިންމު ވާހަކަ އެވެ؛ އެންމެން މާސްކު އަޅާކަށް ނުޖެހެ އެވެ. މާސްކު އަޅަންވީ ރޯގާ ޖެހިފައިވާ މީހަކު ބޭރަށް ނުކުންނަ ނަމަ އެވެ. ނޫނީ ނޭވާލާ ނިޒާމު، ކިޑްނީ ފަދަ ބޮޑު ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުނެވެ. އޭގެ ވެސް އެންމެ ރަނގަޅު ގޮތަކީ ރޯގާ ޖެހި ހުން އައިސްފައިހުރި މީހަކު ގޭގައި މަޑުކޮށްލުމެވެ.

އެހެން ގޮތަކަށް ބުނަނީ ނަމަ، ކޮރޯނާ ވައިރަސް ނޫނަސް އާދައިގެ ރޯގާއެއްގައި ވެސް ޑޮކްޓަރުން އަބަދުވެސް ދެމުންދާ އިރުޝާދެވެ.

އެކަމަކު އެއިން ވާހަކައެއް އަޑުއަހާނެ ވަގުތު އޮތީ ކާއްކަށް ހެއްޔެވެ؟ އަވަހަށް ދުއްވައި ގަންނަނީ މާސްކު ގަނޑު އަތުޖެހޭތޯ އެވެ. މި "ބަލާ އާފާތް" ފެށުނީއްސުރެ މާސްކު ގަންނަނީ އެވެ. ވައިރަސް ފެތުރުމަށްވުރެ ބައެއް މީހުން ކަންބޮޑު ވަނީ މާސްކު ހުސް ވެދާނެތީ އެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް މާސްކު އެބަހުއްޓޭ ސަރުކަރުން ބުނުމުން ވެސް ގަބޫލެއް ނުކުރެ އެވެ. ގަންނަންދާ ފުރަތަމަ ތަނުން މާސްކު ހުސްވެފައި ހުރެއްޖެނަމަ، ފިހާރައިން ނުކުންނަ ގޮތަށް ސޯޝަލް މީޑިއާގައި ސަރުކާރަށް ބަވަން ފަށަނީ އެވެ.

ކޮޅު ކޮޅަށް ދުވެގެން، އެހާ ވަރުން ހޯދާ މާސްކުތައް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. މަގުމަތީގައި އުޅޭ ގިނަ ބަޔަކު ފެންނަނީ މާސްކު އަޅައިގެން ތިބޭ ތަނެވެ. އެކަމަކު މާސްކު ބޭނުން ކުރުމަށްފަހު، ޖީބަށާއި، އަތް ދަބަހަށާއި ސައިކަލު މަޑި ދަށަށް ނުލާށޭ ބުނެ ޑޮކްޓަރުން އާދޭސް ކުރައް ވަނިކޮށް، މާސްކުތައް މިހާރު އެ ގެންދަނީ މަގު މައްޗަށް އުކާލަމުންނެވެ.

ސުޕާރީ ކަރުދާހާއި، ނޫނީ ސިނގިރޭޓު ބުރި އެއްލާލައި ފަދައިން މާސްކުވެސް ބޭނުން ކުރުމަށް ފަހު އެއްލާލަނީ މަގުމައްޗަށެވެ. އެ ގޮތަށް އުކާލާފައިވާ މާސްކުތަކުގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އާންމުވަމުން ދާއިރު، އެކަމުގެ ނުރައްކާތެރިކަން ހުރި މިންވަރަކަށް ބަލައިލުމެއް ނޫނީ ފަރުވާލެއް ނެތެވެ. ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް ނޫނަސް، ޖަރާސީމުން ފޯވެފައިވާ މާސްކުތައް އެ ގޮތަށް މަގުމައްޗަށް އެއްލާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ދެރަވަރު އަމަލެކެވެ.

އެ ވަރުން މާސްކު ހޯދަނީ ބައްޔެއް ޖެހިދާނެ ކަމުގެ ބިރަށެވެ. ނޫނީ ތިމާއަށް ޖެހިފައި ހުރި ބައްޔަކުން އެހެން މީހުން ރައްކާތެރި ކުރުމުގެ ނިޔަތުގަ އެވެ. ހާއްސަކޮށް މިފަދަ ނުތަނަވަސްކަމާއި ބިރުވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކޮންމެ މީހަކުވެސް މިއަށްވުރެ ޒިންމާދާރުވާންޖެހެ އެވެ.