ވިޔަފާރި

އެމްޓީސީސީގެ އަމާޒު އަހަރު ނިމޭއިރު ފައިދާ ނެރެން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަމާޒަކީ މި އަހަރު ނިމޭއިރު، ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހެދުން ކަމަށް އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީ އިން ވިލިމާލޭގައި ދެމުން ގެންދާ ފެރީގެ ހިދުމަތްތަކަށް 19 އަހަރު ފުރުން ފާހަގަ ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކުރިން އެސްޓީއޯ އާއި ފެން ކުންފުނި ހިންގެވި ތަޖުރިބާކާރު މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ބޮޑު ގެއްލުމެއްގައި ހިންގަމުންދާ ކުންފުންޏެއް ކަމަށާއި މި އަހަރު އެކަނި ވެސް އާންމު ދަތުރުފަތުރުގެ ބައިން 70 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ސަބްސިޑީ ލިބެން ޖެހޭ ކަމަށާ، ދަތުރުފަތުރުން ލިބޭ ގެއްލުން ކުޑަ ކުރަން މިހާރު ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ގެއްލުން ކުޑަ ކުރުމަށްޓަކައި މުވައްޒަފުންގެ އެއްބާރުލުމާއެކު ކުންފުނީގެ ހަރަދު ކުޑަ ކުރަން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.