ކީރިތި ގުރުއާނަކީ އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިރޭ ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށް އެޑިއުކޭޝަނުން ބުނީ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ހުންނަ ދަރިވަރަކަށް ހެދުމަށް ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ އާ ގައުމީ މަންހަޖު އެކުލަވައިލެވި ތަންފީޒު ކުރަން ފެށުމާއެކު ގްރޭޑް އެކަކުން 10 އާ ހަމައަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މިދިއަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 އަލަށް ތަންފީޒު ވެގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ގުރުއާން ގްރޭޑް ނުވައެއްގައި ކިޔަވައިދޭން ފެށި ކަމަށެވެ. އަދި ގްރޭޑް 10 ގެ ދަރިވަރުންނަށް ވެސް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭ ކަމަށެވެ.
އެޑިއުކޭޝަނުން މި ބަޔާން ނެރުނު އިރު މި އަހަރުން ފެށިގެން އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލައި ގުރުއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލާ ޕެޓިޝަނެއްގައި ވަނީ ބަޔަކު ސޮއި ކުރަން ފަށާފަ އެވެ.