ހުޅުމާލެއިން ފުލުހުންނަށް ހުށަހެޅުނު މާރާމާރީގެ މައްސަލައެއް ތަހްގީގު ކުރަން އުޅުނު ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިމަހުގެ އެއްވަނަ ދުވަހުގެރޭ ފުލުހުންގެ އަމުރަށް ކިޔަމަންތެރިކަމާއެކު ދިޔަ މީހަކަށް ފުލުހުންތަކެއް ހަމަލާދޭ ވީޑިއޯއެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ މިކަމާ ގުޅިގެން ފުލުހުން ބުނީ ދައުރުވަމުންދާ ވިޑިއޯއާއި ގުޅިގެން ފުލުހުންނަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
ފުލުހުން ބުނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ހުޅުމާލެ ފްލެޓެއްގައި ދިރިއުޅޭ މީހަކަށް މަރުގެ އިންޒާރު ދޭކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން، އިތުރު މައުލޫމާތު ސާފުކުރުމަށް ފުލުހުން އެ ފްލެޓަށް ދިޔަ ކަމަށެވެ. އަދި ފުލުހުން އެ ފްލެޓުގެ އެޕާޓްމެންޓެއްގައި ތިއްބާ އެ ގެއަށް ދެ މީހަކު ދަނޑިބުރިއެއް ހިފައިގެން މާރާމާރީ ހިންގުމަށް އައުމުން، ފުލުހުން އެ ދެމީހުން އެ ގޭ ތެރެއަށް ނުވަދެވޭނެހެން ބޭރުގައި މަޑުކުރުވާފައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ.
ނަމަވެސް އެ ދެމީހުން އެއިރު ތިބީ މަސްތުގެ ހާލަތުގައިކަމަށް ބެލެވޭ ކަމަށާއި ފުލުހުން އެމީހުން ގާތު ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، އެތަނުން އެއް ފުލުހަކަށް މަރުގެ އިންޒާރުދީ އޭނާގެ ގަޔަށް ވަޅި ހަރާނެކަމަށް ބުނެ ފުލުސް މީހާގެ ގަޔަށް އަތްލާ އޭނާ އާއިމެދު މާރާމާރީ ހިންގަން އުޅުމުން، ފުލުހުން އެ ރޭ 03:50 ހާއިރު އެ ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ ދެ މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ދެ މީހުން ފުލުހުން ފޮޅުވާލައި، ގަދަ ދެއްކުމުގެ ސަބަބުން، ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރި ކަމަށާއި އަދި އެ ދެމީހުން ބިޑިއަޅުވަން މަސައްކަތް ކުރި ގަޑީގައި އެތަނުން އެކަކު ވެއްޓި ބިންމަތީގައި ބޯ ޖެހުމުގެ ސަބަބުން ބޯ ދުޅަވެފައިވާ ކަމަށެވެ. އަދި 03:55 ހާއިރު އެ ދެމީހުން ޕޮލިސް ސްޓޭޝަންއަށް ގެނެސް "އާފްޓަރ ކެއާ" ދީފައިވާ ކަމަށާއި ބޮލަށް އަނިޔާވި މީހާ ޑޮކްޓަރަށް ދައްކައި ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހްގީގު ކުރަމުންދާ ކަމަށާއި އަދި ފުލުހުން ބާރުގެ ބޭނުން ކުރާ ކޮންމެ ފަހަރަކު ފުލުހުންގެ 'ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ' އިން ބަލާ ފަދައިން، މި ހާދިސާވެސް އެ ކޮމިޓީއިން ބަލަމުންދާ ކަމަށެވެ.