ވިޔަފާރި

ރާއްޖެ އަށް 2.1 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެއް

ރާއްޖެ އަށް އަންނަ އަހަރުން ފެށިގެން 2.1 މިލިއަން މީހުން ގެނައުމުގެ އަމާޒެއް ކަނޑައަޅައިފި އެވެ.

ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން ހިފި މިޝްރާބަށް މިދިޔަ އަހަރު ވާސިލްވެފައިވާ ކަމަށެވެ. މިދިޔަ އަހަރު ޓޫރިސްޓުން ގެންނަން އަހަރުގެ ތެރޭގައި 1.5 މިލިއަން މީހުންގެ އަމާޒެއް ކަނޑައަޅައި މިދިޔަ އަހަރުގެ ނިޔަލަށް 1.7 މިލިއަން ޓޫރިސްޓުން ގެނެވިފައިވާ ކަމަށާ، މިއީ ކުރީ އަހަރަށް ވުރެ 14.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު 2.5 މިލިއަނަށް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގައި 158 ރިސޯޓާއި 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި 156 ސަފާރީގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި. އެއީ ޖުމްލަ 50591 އެނދު. އަދި މި އަހަރުގެ ތެރޭގައި، އިތުރު 1300 އެނދާއެކު، 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށް ލަފާކުރެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ދުނިޔޭގައި ފެތުރެމުން ދާ ކޮރޯނާ ވައިރަސްގެ ސަބަބުން އިއްޔެގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިން 13287 ބުކިން ކެންސަލް ވެފައިވާ ކަމަށެވެ. އަދި މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ޓޫރިޒަމް އިޝްތިހާރުކުރުމަށް، މި އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.