ހަބަރު

މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރަނީ

މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރާ ގޮތަށް އެ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ލައިވް ކޮށްގެން ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ ބާއްވާނެ ކަމަށާއި ޖަލްސާ އޮންނާނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި މާދަމާ މެންދުރު 2:00 ޖަހާއިރު ކަމަށެވެ.

ޖަލްސާތައް ލައިވް ކުރަނީ ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށެވެ.

އެ ކައުންސިލުން ބުނީ ޖާގަ އޮންނަ ވަރަކުން އެ ޖަލްސާތައް އަޑު އަހަން އާންމުންނަށް ވެސް ވަދެވޭނެ ކަމަށާއި އަޑުއަހަން ދާ މީހުން ޖަލްސާ ފެށުމުގެ 15 މިނެޓް ކުރިން ހާޒިރުވާން ޖެހޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ކުރަމުން އައި އިދާރީ މަސައްކަތްތަކާއި، ޕްރޮކިއުމަންޓް މަސައްކަތްތަށް މިހާރު ވަނީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގުގެ ހަތަރުވަނަ ފަންގިފިލައަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އާންމު ބައްދަލުވުންތައް ކުރިއަށް ގެންދާނީ މާފަންނުގައި ހުންނަ އޮފީހުގަ އެވެ.