ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

އެކަހެރިކުރި ހަތް މީހުން ދޫކޮށްލައިފި

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ޓެސްޓްތައް ހެދުމަށް އެކަހެރި ކުރެވުނު މީހުންގެ ގައިން އެ ވައިރަހުގެ އަސަރު ފެނިފައި ނުވާތީ އެމީހުން އެޗްޕީއޭގެ މޮނިޓަރިންގެ ދަށުން މިހާރު ދޫކޮށްލާފައިވާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭއިން ދެންމެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ހުރެދާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކުރިއަށް ގެންދެވޭ ސާވެއިލަންސްގެ ދަށުން ބަލި ހުރެދާނެ ކަމަށް ބެލެވޭ މިންގަނޑަށް ފެތޭ މީހަކު ޖަނަވަރީ 30 ގައި ފާހަގަ ކުރެވެ އެކަހެރިކޮށް ބަހައްޓައިގެން ފަރުވާދީފައިވާ ކަމަށެވެ. އަދި ނޮވެލް ކޮރޯނާ ވައިރަހަށް އެމީހާ ޓެސްޓް ކޮށްފައިވާ ކަމަށެވެ.

މި ޓެސްޓްގެ ނަތޖާ ދައްކަނީ ނެގެޓިވްކޮށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބަލި ހުރެދާނެ ކަމަށް ޝައްކުކުރެވޭ މީހުން ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތުނު ނަމަވެސް އިތުރު ހަ މީހެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރެވިފައިވާ ކަމަށާ އެ ހުރިހާ މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ވެސް ދައްކަނީ ނެގެޓިވްކޮށް ކަމަށް ވަނީ ބުނެފަ އެވެ.

މި ނަތީޖާ މިގޮތަށް ލިބުނުކަން އެ ހުރިހާ އެންމެންނަށް އެންގުމަށްފަހު މިހާރުވަނީ އެޗްޕީއޭގެ މޮނިޓަރިންގެ ދަށުން ދޫކޮށްލެވިފައި ކަމަށާ އެއާއެކު މި ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާ އަދި އެޗްޕީއޭގެ މޮނިޓަރިންގައި ބެހެއްޓިފައިވާ އެއްވެސް މީހަކު މިހާރު ނުހުންނާނެ ކަމަށް ވަނީ ބުނެފައެވެ.