ހަބަރު

އަދުހަމްގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަދުހަމް މުހައްމަދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގާސިމްގެ މަރުުގެ މައްސަލަ އާއި ގުޅިގެން އަދުހަމް ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އަދުހަމްގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތަށް އެންމެ ފަހުން ހަތްދުވަސް ޖަހާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އަދުހަމް ހައްޔަރުކޮށް މައްސަލަ ތަހްގީގުކުރަމުންދާއިރު އޭނާ ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެފަ އެވެ. އަދި ގާސިމް އަށް ތޫނު އެއްޗަކުން ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށާއި އޭނާ ބޭނުންވީ ގާސިމް އަތުން ފޭރެން ކަމަށް އޭނާ ވަނީ ފުލުހުން ގާތު ބުނެފަ އެވެ.

ގާސިމްގެ މަރުގެ މައްސަލަ ތަހްގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފަ އެވެ. ފުލުހުން ކުރިއަށް ގެންދާ ތަހުގީގުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނުނިންމޭނަމަ ތަހުގީގު މުއްދަތު އިތުރުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދެވެއެވެ. އަދި ޕީޖީ އޮފީހަށް އެ މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ދީފައިވެއެވެ.

ގާސިމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަދުހަމް އަށް މިދިޔަ މަހު ވަނީ ވައްކަމުގެ މައްސަލައެއް ސާބިތުވެ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.