ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ވޯޓްފޮށިތައް އެ ޕާޓީއަށް ދޫކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައި ވަނީ އީސީގެ މުދާ ބޭނުން ކޮށްގެން ކަމަށާއި އެއީ ދައުލަތުގެ މުދާ ކަމުން އެކަން އެ ގޮތަށް ވެގެން ނުވާނެ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީން ބޭއްވި ޕްރައިމަރީއަށް އެ ކޮމިޝަނުން ވޯޓު ފޮށި ދޫކޮށްފައިވާ ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުން ވެސް އެ ޕާޓީތަކުގެ ޕްރައިމަރީއަށް ވޯޓު ފޮށި ދޫކޮށްދޭން އެދުމުން ދޫކޮށްދޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ އިސް ތަރްޖަމާން އަދި ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބަށް ޕީޕީއެމުން ބާއްވާ ޕްރައިމަރީގައި ބޭނުން ކުރުމަށް ޕީޕީއެމަށް ވޯޓް ފޮށިތަކެއް ރޭ ދޫކޮށްފައިވާ ކަމަށެވެ.
އަދި ސިޔާސީ މަންފާ ހޯދުމަށް ދޮގު ބުހުތާނު ވާހަކަތައް ނުދެއްކުމަށާއި އިލެކްޝަންސް ކޮމިޝަނުން އެއްވެސް ސިޔާސީ ޕާޓީއަކަށް ތަފާތު ނުކުރާނެ ކަމަށް ވިދާޅުވިއެެވެ.
ޕްރައިމަރީ ބާއްވަން ޕީޕީއެމަށް ވޯޓްފޮށިތައް ދޫކޮށްފައިވަނީ އެ ޕާޓީން އެކަމަށް އެދުމުންނެވެ. މިދިޔަ ހުކުރު ދުވަހު އޮތް އެމްޑީޕީގެ ޕްރައިމަރީއަށްވެސް ވޯޓް ފޮށިތައް ދޫކުރީ އެ ޕާޓީން އެކަމަށް އިލެކްޝަންސް ކޮމިޝަންގައި އެދުމުންނެވެ.
އަކްރަމް ވިދާޅުވީ އީސީން އަދި އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޮމިޝަންގެ އެއްވެސް މެންބަރަކު ވަކި ސިޔާސީ ޕާޓީއަކަށް ވަކި ގޮތެއް ހޯދައި ނުދޭނެ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.