ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެންމެ ރަނގަޅު ފިޔަވަޅުތަކެއް ނޭޅުނު: ޗައިނާ

Feb 4, 2020

ބެއިޖިންގް (ޖެނުއަރީ 4) - ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަހާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ދަތިތައް ހުރިކަމާއި، އެކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވާ ކަމަށް ޗައިނާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

އެ ވައިރަހުގެ ނުރައްކާތެރިކަމާއި، ސީރިއަސްކަން ފޮރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ޗައިނާ ސަރުކާރުން މި ގޮތަށް އެއްބަސްވެފައި ވަނީ އެ ވައިރަސް ޖެހުނު މީހަކު ހޮންކޮންގް ގައި މަރުވުމާ ގުޅިގެންނެވެ. އެ ވައިރަސް އުފަންވި ޗައިނާގެ ވޫހާން ސިޓީގެ 39 އަހަރުގެ އެމީހާގެ ކުރިންވެސް ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ހޮންގްކޮންގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މިއީ ޗައިނާގެ ބޭރުން އެ ވައިރަސް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. މިދިޔަ އާދީއްތަ ދުވަހު ފިލިޕީންސްގައި ވެސް އެ ވައިރަސް ޖެހިފައިވާ މީހަކު ވަނީ މަރުވެފަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ރިޔާސަތު ބަލަހައްޓަވައި، އިސް އޮފިޝަލުންގެ ކޮމިޓީގެ ރިޕޯޓެއްގައި މި ބަލިމަޑު ކަމަކީ ޗައިނާގެ ހިންގުމުގެ ނިޒާމަށް ކުރިމަތިވި ވަރުގަދަ އިމްތިހާނެއް ކަމަށް ބުނެފައިވެ އެވެ.

އަދި ވައިރަސް ފެތުރުމާ ދެކޮޅަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅިފައިނުވުމުގެ ސަބަބުން، މިފަދަ ނުރައްކާތެރި ކާރިސާތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އެ ވައިރަސް ފެތުރެން ފެށި ފަހުން ޗައިނާގައި އެކަނި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އޭގެ ތެރެއިން 420 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާއިން ބޭރުވެ، ގިނަ ގައުމުތަކަށް އެ ވައިރަސް މިހާރު ވަނީ ފެތުރިފަ އެވެ. އެގޮތުން، އެކި ގައުމުތަކުން 150 އަށް ވުރެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.

ޗައިނާ އިން އަންނަ އެހެން ގައުމުތަކުގެ މީހުން އެތެރެވުން ގިނަ ގައުމުތަކުން އަންނަނީ މަނާ ކުރަމުންނެވެ.

ނަމަވެސް، އެ ފަދަ ފިޔަވަޅެއް އަދި ނޭޅުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި އެ ފަދަ ފިޔަވަޅެއް އެޅުމުން، އެ ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. ސަބަބަކީ އެތެރެވުން މަނާކުރުމުން، ގަވައިދާ ހިލާފަށް ގައުމުތަކަށް މީހުން ވަންނަން ފެށޭނެ ކަމަށާއި، އެއާއެކު ވައިރަސް ޖެހިފައިވާ މީހުން ދެނެގަންނަން ކުރާ މަސައްކަތަށް ހުރަސްއެޅިގެންދާނެ ކަމަށެވެ.