ހަބަރު

ބަރުލަމާނީ ނިޒާމަކުން ނޫނީ މި ގައުމެއް ނުހިންގޭނެ: ބޮންޑެ

ރާއްްޖޭހައި ހުރި ބަައެއް މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ކިތަންމެ ބިލުތަކެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ހައްލު ކުރެވޭ ފެންވަރަށް ގައުމު ހިންގޭނީ ބަރުލަމާނީ ނިޒާމަކުން ކަމަށާއި އެހެން ނިޒާމަކުން އެ ކަމެއް ނުވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅު ވެއްޖެ އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ހުށަހެޅުއްވި އެއްގަމު އުޅަނދުތަކުގެ ގާނޫނަށް އިސްލާހު ގެނައުުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ބޮންޑެ ވިދާޅުވީ، ރޯޑް ސޭފްޓީ ކައުންސިލެއް އުފައްދައި ކައުންސިލަށް މިނިސްޓްރީތަކުގެ ބޭފުޅުން ހަމަޖައްސަން ބިލުގައި އޮތްއިރު، މި ކަމުގެ ސަބަބުން ދައުލަތުގެ ހަރަދު ބޮޑު ވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ސަރުކާރުގެ މިނިސްޓްރީތަކަށް ކޯލިޝަންގެ ޕާޓީތަކުގެ ފަރާތުން ގިނަ އަދަދެއްގެ ބަޔަކު އައްޔަން ކުރަން ޖެހިފައިވާ ކަމަށާއި އެ މިނިސްޓްރީތަކަށް އައްޔަން ކުރާ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އުޅެނީ ކާރުތަކުގައި ކަމަށް ބޮންޑެ ވިދާޅުވި އެވެ. ވެރިން އެއްވެސް ނަމޫނާއެއް ނުދައްކަންޏާ މައްސަލަ ހައްލު ނުވާނެ ކަމަށް ވެސް އޭނާ ވވިދާލުވި އެވެ.

"މި މާލޭގައި ކާރު ގިނަވެގެން އުޅޭއިރު، ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ދުއްވާ ކާރުތައް ގިނަ. ހަމަ ޖެހިގެން ހުންނަ ގެއަށް ވެސް ހަމަ ކާރުގައި ވަޑައިގަންނަވަނީ. މި ވެރިންގެ ގޮތުގައި ތިބޭ ބަޔަކު ވެސް ނަމޫނާއަކަށް ވީމަ އިނގޭތޯ ގައުމެއް ވެސް މި ރަނގަޅު ވާން އޮންނަނީ." ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ، ދިމާވެގެން މި އުޅެނީ ނިޒާމުގެ މައްސަލައެއް ކަމަށެވެ. މި މައްސަލަތައް ހައްލު ކުރަންޏާ ސަރުކާރު އޮންނަ ގޮތާއި ސަރުކާރު ހިންގާ ނިޒާމު ވެސް ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ތަންފީޒު ކުރެވެމުން ދަނީ ދައުލަތަށް ހަރަދު ބޮޑު ގޮތަކަށް އޮތް ނިޒާމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގާނޫނުން ވެސް އިތުރަށް ވާނީ ދައުލަތަށް ހަރަދު ބޮޑު. އަޅުގަނޑުމެން ރިޔާސީ ނިޒާމަކުން ހަތަރުފަށް ކޮށްގެން ދައުލަތް ހިންގަން މި ތިބެނީ ކޯލިޝަން ކިޔާފައި. އަނެއްކާ މި ކޯލިޝަނުން ކޮންމެ ވުޒާރާއަކުން ބޭފުޅެއް ނަގައިގެން ވަޒީރަކު ނުވަތަ އެހެން މަގާމަށް ބޭފުޅަކު ކަނޑައަޅައިގެން ކައުންސިލަށް ލައިގެން ތަންފީޒު ކުރަން، ކިހިނެއްތޯ ކުރެވޭނީ. ނުކުރެވޭނެ." ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ، ގައުމު މިހާރު ވެސް އަދި ކުރިން ވެސް ހިންގެނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. އެ ނިޒާމުން ގައުމު ހިންގާނަމަ މިހާރު ދައުލަތް ހިންގަން މި ކުރަން ޖެހޭ ވަރަށް ހަރަދު ކުރަން ވެސް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ ހިންގޭނީ ހަމަ ބަރުލަމާނީ ނިޒާމަކުން ކަމަށާއި ނަތީޖާ ވެސް ނެރެވޭނީ އޭރުން ކަމަށެވެ.

"ނިޒާމަށް ބަދަލު ގެންނަން އެބަ ޖެހޭ. ގައުމު މި ހިންގަނީ ބަރުލަމާނީ ނިޒާމަކުން. އޭރު ވެސް ހިންގެނީ އަދި މިހާރު ވެސް ހިންގެނީ އެ ނިޒާމުން. ހަމަ ބޮޑު ވަޒީރެއް ހުންނަވައިގެން ހިންގައިގެން ނޫނީ މި ގައުމެއް ނުހިންގޭނެ. ސަރުކާރު އެ އޮތީ އިންތިހާއަށް ހަރަދު ބޮޑު ވެފައި. އިންތިހާއަށް ޕާޓީތަކުން މީހުން ވައްދައިގެން،:" ބޮންޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަކާލާތު ކުރައްވަނީ ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަމަވެސް މަޖިލީހުގެ ތެރެއިން އެފަދަ މަސައްކަތެއް ފަށާނީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ތާއީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާނަމަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.