ހަބަރު

ފުވައްމުލަކު ފަރިކެޑަ ސަރަޙައްދު ހިމާޔަތްކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

Feb 4, 2020

ފުވައްމުލަކު ސިޓީ އިރުދެކުނު ފަރާތުގައި އޮންނަ ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވާރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު، ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ގޮތަށް ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ވަކި މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާގޮތަށް ހިމާޔަތްކުރަން ނިންމަވާފައިވާ ކަމަށެވެ.

ފުވައްމުލަކުގައިވާ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އޭގެ ތެރޭގައި ކަނޑި މިޔަރު, ފާނަ މިޔަރު, އެންމަޑި އަދި ފެހުރިހި ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަގުވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މިފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން ރަށަކާއި ފަރެއް އަދި ކަނޑޫފާއެއް ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހ، ހދ، ށ އަދި ނ އަތޮޅުގެ 11 ސަރަހައްދެއް ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރު ޖޫން މަހުގައި ހިމާޔަތްކޮށްފަ އެވެ.