އެމްއެންޑީއެފް

ކާނަލް ހުސައިން އަލީ މަގާމުން ދުރެއްނުކުރޭ: އެމްއެންޑީއެފް

ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ކާނަލް ހުސައިން އަލީ އޭނާ ހުންނެވި މަގާމުން ދުރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފި އެވެ.

އެންއެންޑީއެފްގެ އެޑްމިނިސްޓްރޭޝަން ބައިގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ކާނަލް ހުސައިން އަލީއާ މެދު ޖިންސީ ގޯނާގެ ތުހުމަތުތަކެއް ފެންމަތިވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން މިހާތަނަށް އެމްއެންޑީއެފުން ވަކި އެއްޗެއް ނުބުނެއެވެ.

ނަމަވެސް ކާނަލް ހުސައިން އަލީއަށް މިހާރު ވަނީ އިދާރީ ފިޔަވަޅުތަކެއް އަޅާފައި ކަމަށާ އެގޮތުން އޭނާ ހުންނެވި މަގާމުން މިހާރު ވަނީ ދުރުކޮށްފައި ކަމަށް ވަނީ އެނގިފައެވެ. އަދި އެ މަގާމަށް އިތުރު ބޭފުޅަކު މިހާރު ވަނީ ހަމަޖައްސާފައެވެ. އެނގިފައިވާ ގޮތުގައި ކާނަލް ހުސައިން މިވަގުތު ހުންނެވީ ޗުއްޓީއެއްގަ އެވެ.

ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން ކާނަލް ހުސައިން ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް އަޑުފެތުރުނެވެ. ނަމަވެސް ސިފައިންގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އޭގެ ފަހުން އާޒިމް ވިދާޅުވީ ކާނަލް ހުސައިންގެ މަގާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އަދި ހުސައިން މިވަގުތު ހުންނެވީ ޗުއްޓީއެއްގައި ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ވެސް ސިފައިންގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސިފައިންގެ މީހެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމާބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.