އެފްއޭއެމްގެ އިންތިހާބު

45 ދުވަހުގެތެރޭ އެފްއޭއެމްގެ އިންތިހާބު ބާއްވަނީ

ކުރިއަށް އޮތް 45 ދުވަހުގެ ތެރޭ، ފުޓްބޯޅަ އިދާރާ، އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އިއުލާން ކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެފްއޭއެމްގެ އިންތިހާބު ކުރިއަށް އޮތް 45 ދުވަސްތެރޭ ބޭއްވުމަށް، އެފްއޭއެމްގެ އެކްސްކޯއަށް އޭނާ ހުށަހެޅި ހުށަހެޅުން އެކްސްކޯއިން ފާސްކޮށްފައިވާ ކަމަށެވެ. ބައްސާމް ވަނީ، އެފްއޭއެމްގެ ލީޑާޝިޕަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަމަށް އިސްނެގުމަށްވެސް ގޮވާލާފަ އެވެ.

މިހާރު ގުނަމުންދާ، ބައްސާމްގެ ދައުރު ހަމަ ވާނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. ނުވަ މަސް ކުރިން އިންތިހާބު އިއުލާން ކުރި ވަކި ސަބަބެއް ބައްސާމް ފާހަގަ ކޮށްފަ އެއް ނުވެ އެވެ. ރާއްޖޭ ޓީވީން ގެނެސްދޭ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން، ރޭ ބައްސާމް ވިދާޅުވީ، އިންތިހާބު އިއުލާން ކުރުމުގެ ކުރިން ފީފާ އާއި އޭއެފްސީގެ ލަފާ ހޯދާނެ ކަމަށެވެ. މިހާ އަވަހަށް އިންތިހާބެއް އިއުލާން ކުރައްވާނެ ކަމުގެ އިޝާރާތެއް އެ ޕްރޮގްރާމްގައި ބައްސާމް ނުދެއްވަ އެވެ.

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާން ޖެހޭނީ، ޓީމެއްގެ ގޮތުގަ އެވެ. އިންތިހާބަށް ނަން ހުށަހަޅާނީ ރައީސް ކަމަށް ކުރިމަތިލާ ފަރާތުންނެވެ. ރައީސްގެ އިތުރުން އެކްސްކޯގައި ހިމެނެނޭނީ އަށް މެންބަރުންނެވެ. އެއީ ދެ ނައިބު ރައީސުން ހިމަނައިގެންނެވެ. ނަން ހުށަހަޅާއިރު އަންހެން ބޭފުޅަކު އެކްސްކޯގައި ހިމަނަން ޖެހޭނެ އެވެ. އަދި އިންތިހާބަށް ކުރިމަތިލެވޭނީ ކުލަބުތަކުގެ އެންޑޯޒްމެންޓާއެކު އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ.

އެންމެ ފަހުން އެފްއޭއެމްގެ އިންތިހާބު ބޭއްވި 2016 ވަނަ އަހަރުއެވެ. އެ ފަހަރު ދެ ފަހަރެއްގެ މަތިން އިންތިހާބު ބޭއްވިއެވެ. ފުރަތަމަ ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ވަޑައިގެންނެވީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހްމަދު ތޯރިގް (ޓޮމް) އެވެ. ބައްސާމް އަކީ ޓޮމްގެ ޖެނަރަލް ސެކެޓްރީ އެވެ. ޓޮމްގެ އެކްސްކޯގެ ބާރު ކަނޑުވާލީ އެކްސްކޯގައި ހިމެނުނު ފަސް މެންބަރުން އެއްފަހަރާ އިސްތިއުފާ ދީގެންނެވެ. އޭރު އެކްސްކޯއިން އިސްތިއުފާ ދިނީ، މިހާރު އެފްއޭއެމްގެ ދެ ނައިބު ރައީސުން އަހްމަދު ޝަކީބު (ޑޮކް)، އާއި އައިޝަތު ނާޒިމާގެ އިތުރުން، މިހާރު އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކެޓްރީ އަލީ އުމަރު، ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ އަދި ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ.

ދެ ވަނަ ފަހަރަށް ބޭއްވި އިންތިހާބު ބާއްސާމް ކާމިޔާބު ކުރެއްވީ، ޓޮމް އާ ވާދަ ކުރައްވައިގެންނެެވެ.