އެފްއޭއެމްގެ އިންތިހާބު

އެފްއޭއެމްގެ އިންތިހާބު: މާޒިޔާގެ ތާއީދު ބައްސާމަށް

ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި، މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ތާއީދު ކުރުމަށް މާޒިޔާއިން ނިންމައިފި އެވެ.

ނޮވެމްބަރު މަހު 20 ވަނަ ދުވަހު ދައުރު ހަމަވާ، ބައްސާމްގެ މިހާރުގެ ދައުރުގެ ބާކީ ނުވަ މަސް ކުރިއަށް އޮއްވައި ބައްސާމް މިއަދު ވަނީ ކުރިއަށް އޮތް 45 ދުވަހުގެ ތެރޭ އިންތިހާބު ބޭއްވުމަށް އިއުލާން ކޮށްފަ އެވެ.

މާޒިޔާއިން މިއަދު ކުރި ޓްވިޓްގައި ބުނެފައި ވަނީ، ދެ ވަނަ ދައުރަކަށް ބައްސާމް ހޮވުމަށް އެ ކުލަބުން ތާއީދު ކުރާ ކަމަށާއި އެގޮތަށް ނިންމީ ކުލަބުގެ އެގްޒެކެޓިވް ބޯޑުން ކަމަށެވެ. އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބައްސާމް މިހާތަނަށް އިއުލާން ކޮށްފައެއް ނުވެ އެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އިންތިހާބުގައި ކުރިމަތިލާނެ ތޯ ނުވަތަ ނުލާނެތޯ ނިންމާނީ އޭނާ އާ ގާތް ދެ ބޭފުޅަކާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

މިރޭ އަވަސް އިން ސުވާލު ކުރުމުން ބައްސާމް ވިދާޅުވީ، އަންނަ ހަފުތާގައި އޭނާގެ ކެންޑިޑެސީ އިއުލާން ކުރައްވާނެ ކަމަށެވެ.

އެފްއޭއެމްގެ ކުރިއަށް އޮތް އިންތިހާބުގައި، މާޒިޔާއިން ބައްސާމް އަށް ތާއީދު ކުރައްވާނެ ކަމަށް އިއުލާން ކުރިއިރު، އެނެމެ ފަހުން ބޭއްވި އިންތިހާބުގައި އެ ކުލަބުން ތާއީދު ކުރީ ބައްސާމް އާ ވާދަ ކުރެއްވި، އެފްއޭއެމްގެ ކުރީގެ ރައިސް އަހްމަދު ތޯރިގް (ޓޮމް) އަށެވެ.

މިދިޔަ އަހަރު، އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހެޅި ގަރާރުގައި މާޒިޔާއިން ވަނީ ސޮއި ކޮށްފަ އެވެ. ނަމަވެސް ފަހުން އެ ކުލަބުން ވަނީ ސޮއި އަނބުރާ ގެންގޮސްފަ އެވެ. އެފްއޭއެމްގެ އެކްސްކޯގެ މެންބަރެއްގެ ގޮތުގައި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) މިދިޔަ އަހަރު އައްޔަން ކޮށް، މިދިޔަ އަހަރުގެ އާންމު ކޮންގްރެސްގައި އޭނާގެ ނަމަށް ވަނީ ވޯޓްވެސް ދީފަ އެވެ.