ޝިދާތާ ޝަރީފު

ކުއްލި މައްސަލައެއް: ޝިދާތާ ވަކި ކުރަން ގޮވާލަނީ

ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ހިޝާންގެ މައްސަލާގައި ޖެންޑާ މިނިސްޓްރީން ވެފައިވާ އިހުމާލުތައް ބަލަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިސްތިފާ ދެއްވަން މެންބަރުން ގޮވާލައިފި އެވެ.

ހިޝާންއާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. އެ މައްސަލާގައި މީކާއިލް ވިދާޅުވީ 19 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިކަން ހިޝާންއަށް ދެވެން ނެތް ކަމަށް 2018 ވަނަ އަހަރު ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން، ޝަރީއަތުގެ މަޖިލީހުގައި އޭނާއަށް ހޮނަރަރީ ޑިސްއޭބިލިޓީ އެމްބަސިޑަރު ކަމާއި ގައުމީ އިނާމް ދިން އިރުވެސް ޖިންސީ ގޯނާގެ ސީރިޔަސް ތުހުމަތެއް ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭ ކަން ހާމަވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 17 ޖެނުއަރީ 2018 ގައި ފެމިލީ ކޯޓުން ހުކުމްކޮށްފައި ވަނީ ހިޝާންއާ މެދު ސީރިޔަސް ތުހުމަތު ކުރެވޭ ކަމަށް ފުލުހުންގެ އިންޓެލިޖަންސްއަށް ދިން މައުލޫމާތާއި ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަށް ރިއާޔަތްކޮށްފައި ކަމަށް މީކާއިލް ވިދާޅުވި އެވެ. ހިސާންއަށް އެ ކުއްޖާގެ ބެލެނިވެރިކަން ހިޝާންއަށް ދެވެން ނެތް ކަމަށް ފެމިލީ ކޯޓުން ހުކުމް ކުރި ނަމަވެސް އޭރުން ފެށިގެން މިއަދާ ހަމަޔަށް އެ ޒުވާނާ އުޅެނީ ހިޝާންއާ އެކުގައި ކަމަށް ހައި ކޯޓަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ޖެންޑާ މިނިސްޓްރީން އެކަމާ އަޅައި ނުލާ އޮތުމަކީ އެ މިނިސްޓްރީގެ ބޮޑު އިހުމާލެއް ކަމަށް މަޖިލީހުގެ ސަމާލު ކަމަށް ގެންނަ ކަމަށް މީކާއިލް ވިދާޅުވި އެވެ.

އެ މައްސަލައަށް ބަހުސް ކުރަން މަޖިލީހުގެ 41 މެންބަރުންގެ އިއްތިފާގުން ފާސްވުމާއެކު އެ މައްސަލައަށް އިތުރަށް އަލިއަޅުވާލައި މީކާއިލް ވިދާޅުވީ، ހިޝާންގެ މައްސަލައަކީ ސީދާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކުރެއްވި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ މިނިސްޓްރީގެ ހިންގުމާ ހަވާލުވެ ހުންނެވި ފަރާތެއް ކަމުން އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށާއި އިސްތިއުފާ ނުދެއްވައިފި ނަމަ މަޖިލީހުން ޝިދާތާ ވަކި ކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އިހުމާލަކަށް ފަހު އިހުމާލެއް ގޮވާލަން ބޭނުން ދުނިޔޭގެ ލަދަށްޓަކައި މިނިސްޓަރު ޝިދާތާ އިސްތިއުފާ ދޭން ޖެހޭ. ނުދެއްވައިފި ނަމަ ސަރުކާރުން އޭނާވަކި ކުރަން ޖެހޭ. އެކަން ނވެއްޖެ ނަމަ ކުޑަވެސް ކޮންޝަސްއެއް ހުރި ނަމަ މިނިސްޓަރުގެ އިތުބާރު ނެތްކަމުގައި ވޯޓާ ހަމަޔަށް ދާން ޖެހޭ،" މީކާއިލް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މި މައްސަލާގައި ޝިދާތާގެ އިހުމާލު އޮތްކަން އިރު ފެންނަހާ ސާފުކޮށް އެނގެން އޮތް ކަމަށެވެ. އަދި ކޯލިޝަން ރޫޅާލަން ޖެހުނަސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ކޮމިޓީތަކުން މި މައްސަލަ ތަހުގީގުކޮށް ޝިދާތާ ވަކި ކުރަން މަސައްކަތް ފައްޓަވަން ގޮވާލާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ގޮވާލެއްވީ ޝިދާތާގެ އިސްތިއުފާއަށެވެ. އެގޮތުން ޝިދާތާގެ އިހުމާލުތައް ބަލަން ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަަމަށާއި މިނިސްޓަރަކަށް އެކަމެއް ނުކުރެވުނު ކަމަށް އީވާ ވިދާޅުވި އެވެ. އަދި މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޝާންއަށް ޑިސްއޭބިލިޓީ އެމްބެސެޑާކަން އެންމެ ފުރަތަމަ ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެއަށް ފަހު މަގާމްގެ މުއްދަތު ހަމަވުމުން މި ސަރުކާރުން އަލުން ޑިސްއޭބިލިޓީ އެމްބެސެޑާކަން އޭނާއަށް ދިނެވެ.