ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ފެއިލްވެފައި ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެކަނި ނޫން ކަމަށާއި ސަރުކާރާއި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.
ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ހިޝާނަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހުށަހެޅި މައްސަލައިގެ ބަހުސްގައި ޝިދާތާގެ އިސްތިއުފާއަށާއި އޭނާ އެ މަގާމުން ވަކި ކުރަން މަޖިލީހުގެ އެމްޑީޕީ މެންބަރުން ދަނީ ގޮވާލަމުންނެވެ.
އެ ބަހުސްގައި ބައިވެރިވެ ވަޑައިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެ މައްސަލާގައި އިހުމާލުވެ ފެއިލްވެފައި ވަނީ މިނިސްޓަރު ޝިދާތާ އެކަނި ކަމަށް ނިންމޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
އެވަރުގެ ބޮޑެތި މައްސަލަތައް ހިނގަމުންދާއިރު ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގުޅުން ހުރި ހުރިހާ މުއައްސަސާއަކުން އިހުމާލުވެފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ވެގެންދާއިރު ވެސް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން މި ވާހަކަ ނުދައްކާ އެންމެ ފަހުން މަޖިލިސް އިން މި ވާހަކަ ދައްކާ ހިސާބަށް ދިޔައީމަ ފެއިލްވެގެން އެދަނީ މުޅި ދައުލަތް. އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ އެންމެ ފަރުދަކަށް ފިޔަވަޅެއް އަޅާފައި މުޅި މައްސަލަ ދޫކޮށްލެވޭކަށް ނެތް،" ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުން ޝިދާތާގެ އިތުބާރު ނެތް މައްސަލައެއް ފާސް ކުރުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ވަކި ކުރަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ އެއީ ރައީސް ސޯލިހުގެ ވެސް އިހުމާލެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަަދު ޝިޔާމް ވިދާޅުވީ ދިމާވެފައި މިވާ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ރައީސް ސޯލިހާއި ޝިދާތާއެއް ނޫން ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކަށް ވަޒީރުން ކަނޑައެޅިގެން ދިޔައިރު "ލޯބި ނުވާ ބަޔަކަށް" ރުހުން ދިނުމަކީ މައްސަލައެއް ކަމަށާއި އޭރު ވެސް އެ ފިޔަަވަޅު އެޅެން އޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ހިތާ ނުވާ ބަޔަކަށް ރުހުން ދިނީވެސް މި މަޖިލީހުން. ހިތާ ނުވާ ވަޒީރަކަށް އެ ވަޒީރުގެ ވުޒާރާގައި ނެތް ބާރުތަކެއް ދިނީ ވެސް މި މަޖިލީހުން މިއަދު އެކަމަނާގެ އިސްތިއުފާއަށް ގޮވާ ހައްދަވާ ބޭފުޅުން،" ޝިޔާމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމްގައި ވެސް ހުންނެވި ޝިޔާމް ވިދާޅުވީ ޝިދާތާ އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ވާހަކަ މަޖިލީހުގައި ދައްކަވާނެ ކަމެއް ނެތް ކަމަށާއި އެމްޑީޕީއަށް ނިސްބަތް ނުވާ ހުރިހާ ވަޒީރުން ވަކި ކުރަން ބޭނުންވާނަމަ އެކަން ކުރުމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައީސް ސޯލިހު އެގޮތެއް ބޭނުމެއް ނުވޭ. އެމަނިކުފާނު އެ އުޅެނީ ގައުމަށް މަސައްކަތެއް ކުރެވޭތޯ. އެކަަމަކު އެމަނިކުފާނަށް އެ މަސައްކަތެއް ކުރެވޭނީ އެމަނިކުފާނު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މިތަނުގައި [މަޖިލީހުގައި] ތިއްބެވި މެންބަރުންގެ އެއްބާރުލުން ލިބިގެން ނޫންތޯ. ދިވެހި ރައްޔިތުންގެ އުންމީދު އެބަހުރި. ދެ ފެކްޝަނަކުން ތަޅައި ތަޅައި ރައްޔިތުން ހަނާ ވަނީ،" ޝިޔާމް ވިދާޅުވި އެވެ.