ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަހާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް

Feb 5, 2020
1

ޗައިނާ އިން އުފަންވެ ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރާނެ އަސަރު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް ފިނޭންސް މިނިސްޓްރީން އަޅައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސޮއި ކުރައްވައި އިއްޔެ ދައުލަތުގެ އިދާރާތަކަށް ފޮނުއްވި، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސާކިއުލާގައި ބުނެފައިވަނީ، ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިއަހަރަށް ފާސް ކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ލަފާ ކޮށްފައިވާ މިންވަރަށް ވުރެ އާމްދަނީ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން، މުވައްޒަފުންނަށް ހިނގާ ހަރަދު ކުޑަކުރުމާއި ދަތުރުތަކުގެ ހަރަދު ކުޑަކުރުން، އޮފީސްތަކުގެ މަރާމާތާއި ބެލެހެއްޓުން، ކެޕިޓަލް ހަރަދު އަދި އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފިނޭންސުން ވަނީ އަންގައިފަ އެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، އިދާރީ އާ މަގާމުތައް ނުއުފެއްދުމަށާއި ބަޖެޓްގައި ހިމެނިފައިވީ ނަމަވެސް، މިވަގުތަށް ދޭން ފަށާފައި ނުވާ އާ އެލަވަންސްތައް މުވައްޒަފުންނަށް ނުދީ މަޑުޖައްސާލަން އަންގާ ކަމަށެވެ.

އަދި ދައުލަތުގެ މުއައްސަސާތަކުން އާ ވަޒީފާތައް އުފެއްދުމާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށްވެސް ވަނީ އަންގައިފަ އެވެ.

އެންމެ ފަހުން ސަރުކާރުން އާއްމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި ކޮރޯނާ ވައިރަސްގެ ސަބަބުން، މިހާތަނަށް ރާއްޖެ އަންނަން ތިބި 13،000 އަށްވުރެ ގިނަ ޓޫރިސްޓުންގެ ބުކިން ވަނީ ކެންސަލް ކޮށްފަ އެވެ.

ކުރިއަށް އޮތް ތަނުގައިވެސް އިތުރު ބުކިންތައް ކެންސަލްވާނެކަމަށް ޓޫރިޒަމް ދާއިރާގެ ބޭފުޅުން ލަފާ ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ގާތްގަނޑަކަށް ނުވަ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވާނެކަމަށް އަންދާޒާކުރެވެ އެވެ.