ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮރޯނާގެ އިގްތިސާދީ ގެއްލުން ތިން މަސްތެރޭ ފެންނަން ފަށާނެ

Feb 12, 2020
1

ކޮރޯނާ ވައިރަހުން އިގްތިސާދަށް ގެއްލުން ތަކެއް ލިބޭނެ ކަމަށާއި، ލިބޭ ގެއްލުން ތިން މަސްތެރޭ ފެންނަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ގެއްލުން ވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރާ ކަމަށެވެ.

"އަޅުގަނޑުމެން ރިސެޝަނަކަށް ނުދިޔަ ނަމަވެސް ގެއްލުން ވާނެ. ދުނިޔޭގެ އިގްތިސާދުގެ ފެކްޓްރީއަކީ ޗައިނާ. ރާއްޖޭގެ އިގްތިސާދަށް ވެސް ލޮޅުން ތަކެއް އަރާނެ. ހަރަދު ކުޑަ ކުރަން ބޭނުންވަނީ ވީހާ ވެސް ރިކަރަންޓް ހަރަދު ކުޑަ ކުރަން،" އަމީރު ވިދާޅުވި އެވެ.

ނަމަވެސް، މިނިސްޓަރު ވިދާޅުވީ މިހާރުގެ ހާލަތުން ތަރަގީގެ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށާއި އެ މަސައްކަތްތައް ކުރި އަށް ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި އާމްދަނީ ދަށްވެގެން ދާނެ. ނަމަވެސް މީގެ ގެއްލުން ފެންނަން ފަށާނީ ތިން ހަތަރު މަސް ފަހުން ކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާ އިން އަންނަ ޓޫރިސްޓުން މަދުވެ، އިގްތިސާދަށް ގެއްލުންވާނެތީ ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް އެޅި ނަމަވެސް އިތުރު ގަޑި ކަނޑާލާފައި ނުވާނެ ކަމަށެވެ.

"އިތުރު ގަޑި އެއްވެސް ގޮތަކަށް ކަނޑާލާފައެއް ނުވާނެ. މިހާރު ވެސް ކުރަން ހުރި މަސައްކަތް ތަކަކީ މުހިންމު ކަމެއް ކަމަށް ފާހަގަވާނަމަ އެ މަސައްކަތް ވެސް ކުރެވޭ ގޮތަށް، އިތުރު ގަޑީގެ އެލަވަންސް ވެސް ލިބިގެން ދާނެ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މިހާތަނަށް 13،000 ބުކިން ވަނީ ކެންސަލް ވެފަ އެވެ. އަދި މިހާތަނަށް ލަފާކުރެވިފައިވާ ގޮތުގައި އިގްތިސާދަށް ލިބޭ ގެއްލުން 600 މިލިއަން ޑޮލަރު ވަރަށް އަރާނެ އެވެ.