ހަބަރު

ހިޝާނަށް އިނާމު ދިން އިރު ކުށުގެ ރެކޯޑެއް ނެތް: ކޮމިޓީ

ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އަހްމަދު ހިޝާނަށް ގައުމީ އިނާމް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް އޭރުގައި ނެތް ކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާ އަނީސާ އަހްމަދު ވިދާޅުވީ ގައުމީ އިނާމަށް އެދި ހުށަހަޅާ މީހަކަށް އިނާމު ދިނުމުގެ ކުރިން އެ މީހެއްގެ ކުށުގެ ރެކޯޑު އޮތްތޯ އަބަދުވެސް ކޮމިޓީން ބަލާ ކަމަށެވެ. އިނާމެއް ދޭން ނިންމަނީ ފުލުހުންނާއި ކޯޓުން އެ މައުލޫމާތެއް ސާފު ކުރުމުގެ ފަހުން ކަމަށެވެ.

އަނީސާ ވިދާޅުވީ، ގައުމީ އިނާމަށް އެދި ހުށަހަޅާއިރު ވެސް އެ ހުށަހަޅާ މީހަކު އޭނާގެ ޕޮލިސް ރެކޯޑް ހުށަހަޅަން ޖެހޭ ކަމަށެވެ. ޕޮލިސް ރެކޯޑަށް މީހަކު އެދުމުން ފުލުހުން ދޭނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ރެކޯޑް ކަމަށާއި އޭގެ އިތުރަށް އޭގެ ކުރިން ވެސް ކުށުގެ ރެކޯޑެއް އޮތްތޯ ކޮމިޓީން ބަލާ ސާފު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހްމަދު ހިޝާނަށް އިނާމު ލިބިވަޑައިގެންނެވީ، އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ފަރާތުން ވެސް އަދި ކޯޓުން ވެސް އަޅުގަނޑުމެންނަށް މައުލޫމާތު ދިނުމުން، ކޮންމެ މީހަކު ވެސް އެ މީހަކަށް އިނާމު ދޭން ނިންމުމުގެ ކުރިން އެ މީހެއްގެ ކުށުގެ ރެކޯޑެއް އޮތްތޯ އަބަދުވެސް ބަލަން،" އަނީސާ ވިދާޅުވި އެވެ.

އަނީސާ ވިދާޅުވީ، މިހާާރު ވެސް ހިސާންގެ މައްޗަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށެވެ. ޝަރުއީ ކޯޓެއްގައި ކުށް ސާބިތުވެފައި ނުވާތީ، އަދި އޭނާގެ އަތުން އިނާމު އަތުލަން ކޮމިޓީއަށް ނުނިންމޭނެ ކަމަށެވެ. ގައުމީ އިނާމު މީހަކަށް ދިނުމަށް ފަހު، އޭނާގެ އަތުން އިނާމު އަތުލެވޭނެ ގޮތްތައް ގައުމީ އިނާމު ދިނުމާ ބެހޭ އުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެއިން ހާލަތަކަށް އަދި ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ދަނީ ހިޝާންއާ ގުޅޭ މައްސަލައެއް ތަހުގީގު ވެސް ކުރަމުންނެވެ. އޭނާ ބޭރަށް ފުރައިގެން ދަނީ ވަނީ ހިފަހައްޓައިފަ އެވެ. ސޯޝަލް މީޑިއާގައި ވެސް ހިޝާންގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.

ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބެލެނިވެރިކަމުގެ ދަށަށް ހާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުއްޖަކު ހަވާލު ނުކުރަން ފެމިލީ ކޯޓުން ވެސް 2018 ވަނަ އަހަރު ހުކުމް ކޮށްފައިވެ އެވެ. އެ ގޮތަށް ފެމިލީ ކޯޓުން ހުުމް ކޮށްފައިވީ ނަމަވެސް އޭނާގެ ގޭގައި އެ ކުއްޖާ ގެންގުޅޭ ކަމަށް ދާދި ފަހުން އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުގައި ދާދި ފަހުން ބޭއްވި އަޑުއެހުމެއްގައި ވަނީ ހާމަވެފަ އެވެ.