ހަބަރު

ހިޝާންގެ މައްސަލަ: ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި

އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު ކަމުން ވަކިކޮށްފައިވާ އަހުމަދު ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހާ މިވަގުތު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޝާން އާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާތީ، އޭނާއާ އާއެކު ދިރިއުޅެމުން އައި 18 އަހަރު ފުރިފައިވާ މީހާއަކީ އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލް ކަން ހުރި މީހެއް ކަން ކަށަވަރުކޮށް ތަހުލީލުތައް ކުރުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"...އޭނާގެ ހާލަތާ ގުޅޭގޮތުން މި ވަގުތު މި މިނިސްޓްރީގައި އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް، އޭނާއަކީ އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ ތަހުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިނިސްޓްރީން ދަނީ ކުރިއަށްގެންދަމުން،" ޖެންޑާއިން ބުންޏެވެ.

މި މައްސަލަ އަކީ 2017 ވަނަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ މީހާގެ މަންމަ އަމިއްލަ އަށް 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ގާނޫނީ ބެލެނިވެރިކަން ހިޝާން އާ ހަވާލު ކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ. މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެއިރު ފެމިލީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލައާ ގުޅިގެން މިނިސްޓްރީން އެ މައްސަލާގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ސިއްހީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމަންޓެއް ހަދާފައި ނުވާ ކަމަށެވެ.

"...ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން މި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި އޭނާއާ ގުޅޭގޮތުން ލިބިފައިވާ ސިއްހީ އަދި އެހެނިހެން މައުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާތީ މިނިސްޓްރީގެ ފަރާތުން އޭނާއާމެދު އަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވެފައިވީ ނަމަވެސް އެއިރު މި މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ، 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ލިބޭ ހައްގުގެ ދަށުން އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ މިނިވަންކަން އޭނާ އަށް ދީފައިވާ ކަމަށެވެ.

މި މައްސަލާގައި މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އަދި އެކަމާ ގުޅިގެން މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައިވާއިރު އެމްޑީޕީން ވަނީ އޭނާ އެ މަގާމްގައި ބަހައްޓަން ނުފެންނަ ކަމަށް ވެސް ނިންމައިފަ އެވެ.