އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ: ވޯޓް ކަރުދާސް އުކާލުމުން ތިން ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް

ލޯކަލް ކައުސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓްފޮށި ޖަހައިގަނެ، ވޯޓް ކަރުދާސްތައް މަގު މައްޗަށް އުކާލި މައްސަލާގައި އެ ދާއިރާއަށް ވާދަކުރި ތިން ކެންޑިޑޭޓެއްގެ ކެންޑިޑަސީ ބާތިލްކޮށްފި އެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީ ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ގުނައި ނިމުމާ ގާތަށް ގޮސްފައިވަނިކޮށް، ވޯޓު ކަރުދާހެއް ބާތިލް ކަމަށް ކަނޑައެޅި ގޮތާމެދު އުފެދުނު ހިޔާލް ތަފާތުވުންތަކުގައި ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ކަރުދާސްތައް ޖަހައިގަތުމަށް ބައެއް މެންބަރުން މަސައްކަތް ކުރަން ފެށުމުން، ވޯޓު ފޮށީގެ ވެރިޔާގެ އެދުމުގެ މަތީން ވޯޓު ކަރުދާސްތައް ރައްކާތެރިކަމާއެކު ވޯޓު ފޮއްޓަށް އަޅައި ފޮށި ބަންދުކޮށް ވޯޓުފޮށި ބަހައްޓާ މަރުކަޒަށް ގެންދެވުނު ކަމަށެވެ. އޭގެ ފަހުން، އެ ދާއިރާގެ ވޯޓު އަލުން ގުނުމަށްޓަކައި އެ ދާއިރާގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން އަދި ކޮންމެ ކެންޑިޑޭޓަކު އެއް މަންދޫބާއެކު އިއްޔެ އެމްޑީޕީގެ އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް އެ ދާއިރާއަށް ވާދަކުރި ތިން ކެންޑިޑޭޓުން އިތުރު ބަޔަކާއެކު ޕާޓީ އޮފީސް ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގައި، ވޯޓުފޮށި ޖަހައިގަނެ އޮފީހުން ބޭރަށް ގެންދިއުމަށްފަހު ފޮށި ހުޅުވައި އެ ފޮށީގައި ހުރި ވޯޓުކަރުދާސްތައް ނަގައި މަގުމައްޗަށް އުކާލާފައިވާ ކަމަށެވެ.

އެ ތިން ކެންޑިޑޭޓުންނަކީ ކެންޑިޑޭޓް ނަންބަރު ތިނެއް އަހުމަދު އާސިމް، ކެންޑިޑޭޓް ނަންބަރު އެކެއް އިބްރާހިމް މަނިކު އަދި ކެންޑިޑޭޓް ނަންބަރު ފަހެއް ފިޝާވިން ސަލީމެވެ.

މިއީ އެހެން ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އަރައިގަތުމެއް ކަމަށާ އަދި މިއީ ސުލޫކާ ހިލާފް، ޕާޓީގެ ނަމުގައި އިންތިހާބީ މަގާމަކަށް ވާދަކުރުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންގެ ކިބައިން ފެނިގެން ނުވާނޭ ފަދަ އަމަލަކަށްވާތީ، މި މައްސަލައިގައި ކަންހިނގައިދިޔަ ގޮތަށް ބެލުމަށްފަހު ތިން ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިހާބުގެ ހެންވޭރު ހުޅަނގު ދާއިރާއިން މާލޭ ސިޓީ ކައުންސިލްއަށް އެމްޑީޕީން ވާދަކުރާނޭ ކެންޑިޑޭޓަކީ އާއިޝަތު މޫސާ (ކެންޑިޑޭޓް ނަންބަރު 2) ކަމުގައި ނިންމާފައިވާ ކަމަށެވެ.

އާއިޝަތު މޫސާއަކީ އެމްޑީޕީގެ ކެންޑިޑޭޓު ކަމުގައި ޕާޓީން ނިންމާފައި ވަނީ، ޕްރައިމަރީގައި ނެގި ވޯޓުގައި އާއިޝަތު މޫސާ އާއި އަޙްމަދު އާސިމްއަށް އެންމެ މަތީން ވޯޓުލިބި، އެ ދެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރު ވެފައިވަނިކޮށް ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން އަލުން ވޯޓު ގުނުމަށް ޕާޓީން ނިންމާފައިވަނިކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން އާސިމްގެ ކެންޑިޑެސީ ބާތިލުވުމުގެ ސަބަބުން ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެ އިތުުރުން މި ތިން މެންބަރުންގެ ސުލޫކީ މައްސަލަ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.