ދުނިޔެ

އިސްލާމް ދީނާ ދެކޮޅަށާއި އެއްކޮޅަށް ޖަރުމަނުގެ މަގުތަކަށް އާންމުން ނިކުމެއްޖެ

Jan 6, 2015

ޔޫރަޕަށް އިސްލާމީ ސިފަތައް ގެންނަ ކަމަށް ބުނެ "އިސްލާމިޒޭޝަން" އާ ދެކޮޅަށާއި އެއްކޮޅަށް ޖަރުމަނުގެ މަގުތަކަށް ޖަމާއަތްތަކުން ނިކުމެ އަޑު އުފުލަމުން އެބަދެ އެވެ.

ޕެޓްރިއޮޓިކް ޔޫރަޕިއަންސް ޖަމާއަތުން މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ދަނީ އިސްލާމް ދީނާ ދެކޮޅަށް އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންނެވެ. ނަމަވެސް މި މީހުންނާ ދެކޮޅު ފަރާތްތަކުގެ އެއްވުންތައް އިތުރުވެ އެ މީހުންނާ ދެކޮޅަށް ޖަރުމަނުގެ ސިޔާސީ އިސް ފަރާތްތަކުން ވެސް މިހާރު ވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ.

މިއަދު ދަނީ އިސްލާމް ދީނާ އެއްކޮޅަށާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުން ޖަރުމަނުގެ އެކި ހިސާބުތަކުގައި އެއްވުންތައް ބާއްވަމުންނެވެ.

އެއް އެއްވުމެއްގައި 18000 މީހުން ބައިވެރިވާއިރު ވެރިރަށް ބާލިންގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހުން ވަނީ އެ މީހުންނާ ދެކޮޅަށް ހިނގާލުމެއް ބާއްވަން އުޅުނު މީހުން ބޭނުންކުރަން ނިންމާފައިވާ މަގެއް ބަންދުކުރަން މަސައްކަތް ކޮށްފަ އެވެ. އެހެންވެ އިސްލާމީ ސިފަތަކަށް ތާއީދުކުރާ ފަސް ހާހެއްހާ މީހުން ވަނީ މަގު ބަންދުކުރިޔަ ނުދީ ހުއްޓުވާފައި ކަމަށް ފުލުހުން ބުންޏެވެ. ހަމަ މިގޮތަށް އިސްލާމް ދީނާ ދެކޮޅު މީހުންގެ ހިނގާލުންތަކަަށް ވެސް އެތައް ހާސް ބަޔަކު އެކި ހިސާބުތަކުގައި ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޔޫރަޕްގައި އިސްލާމް ދީނަ ބާރުގަދަކޮށްފާނެ ކަމަށް ބުނެ އެކަން ހުއްޓުވަން ގޮވާލާ މީހުންގެ އެއްވުންތައް ކުރިއަށް ދިޔައިރު ބައެއް ފައްޅިތަކާއި ބޮޑެތި އިމާރާތްތައް ވަނީ ނިއްވާލައިފަ އެވެ. އެ ތަންތަނުން ބުނީ އެކަން އެގޮތަށް ކޮށްފައި ވަނީ އެ އެއްވުންތަކަކީ ހައްދުފަހަނަޅާފައިވާ މީހުންނަަށް ހިތްވަރު ދޭ އެއްވުންތަކެއް ކަން އަންގައިދޭން ކަމަށެވެ. ޖަރުމަނުގެ ސިޔާސީ ބޭފުޅުން ވިދާޅުވަމުން ދަނީ މިއަދު ޖަރުމަނުން ފެންނަމުން ދަނީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި ބީރައްޓެހިންނާއި އެ މީހުންގެ ސިފަތަކާ މެދު ނުބައިކޮށް ދެކުމަކީ ޖަރުމަނުން ގަބޫލުކުރާ ކަމެއް ނޫންކަން މިއަދު ހާމަވަމުން އަންނަ ކަމަށެވެ.

އިސްލާމް ދީނާ ދެކޮޅަށް ޖަރުމަނުގައި ހަރަކާތްތައް އިތުރުވެފައި ވާއިރު ޖަރުމަނު ވެފައި ވަނީ ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަައިން މީހުން އެ ގައުމަކަށް ހިޖުރަކުރާ ގައުމަށެވެ. މީގެ ތެރޭގައި ސީރިއާގެ ދާހިލީ ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތް ވާން އަންނަ މީހުން ގިނަ އެވެ. އިސްލާމް ދީނާ ދެކޮޅު އަޑުތަކާ އެކު މިސްކިތްތަކަށް ގެއްލުން ދިނުން ވެސް ޖަރުމަނުގައި ދަނީ އާންމުވަމުންނެވެ.