ދުނިޔެ

ޓްރަމްޕް އިމްޕީޗްމަންޓުން ސަލާމަތްވެއްޖެ

Feb 6, 2020

ވޮޝިންގްޓަން (ފެބްރުއަރީ 6) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ ޑިސެމްބަރު މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ނަމަވެސް، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ ސެނެޓުން ވަނީ ޓްރަމްޕް އާ ދެކޮޅަށް ކުރި އެއްވެސް ދައުވާއެއް ސާބިތުނުވާކަމަށް ނިންމައި، އެމަނިކުފާނު މަގާމުން ދުރުކުރަންޖެހޭ ސަބަބެއްނެތް ކަމަށް ވޯޓުދީފަ އެވެ.

އެގޮތުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް 52-48 ވޯޓުން ފާސްވިއިރު، ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ ދެކޮޅަށް 53 މެންބަރުން ވޯޓު ދެއްވި އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

އެހެނަސް، ޓްރަމްޕް ވެގެންދާނީ ހައުސްއިން އިމްޕީޗުކޮށްފައިވާ ރައީސަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ފުރަތަމަ ރައީސަށެވެ. އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ޓްރަމްޕް ވަނީ އިއުލާނުކުރައްވައިފަ އެވެ.

އިމްޕީޗުމަންޓުން ސަލާމަތްވުމާއެކު، ޓްރަމްޕްގެ ކެމްޕެއިނު ޓީމުން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. އަދި އިދިކޮޅުން ޓްރަމްޕް އިމްޕީޗުކުރަން މަސައްކަތް ކުރަމުންދަނީ، އިންތިހާބުގައި އެމަނިކުފާނު ބަލިނުކުރެވޭނެކަން އެނގޭތީކަމަށްވެސް ބުނެފައިވެ އެވެ.