ދުނިޔެ

ތުރުކީ: ބޯޓެއް ރަންވޭ މަތިން ކަހާލައި، ތިން މީހުން މަރު

Feb 6, 2020
1

އިސްޓަންބުލް (ފެބްރުއަރީ 6) - ތުރުކީގެ އިސްޓަންބުލްގައި އޮންނަ ބައިނަލްއަގުވާމީ އެއާޕޯޓަށް މަތިންދާ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ހިނގި ހާދިސާއެއްގައި ތިން މީހުން މަރުވެ، 170 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ތުރުކީގެ ލޯ ބަޖެޓް އެއާލައިނެއް ކަމުގައިވާ ޕެގަސަސް އެއާލައިންސްގެ ބޮއިންގް 737 މަރުކާގެ އެ ބޯޓު ރަންވޭ މަތިން ކަހާލައިގެން ކައިރީގައި އޮތް ހުސް ބިމަކަށް ވެއްޓި، ބޯޓު ވަނީ ތިން ބަޔަށް ބުރިވެފައިވާ ކަމަށް މަންޒަރުދުށް ބައެއް މީހުނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

އެ ބޯޓުގައި އެ ވަގުތު، 171 ފަސަންޖަރުންނާއި، ހަ ކްރޫން ތިބިކަމަށް އިސްޓަންބުލްގެ ގަވަރުނަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ހާދިސާގައި ޒަހަމްވި މީހުނަށް އެކި ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފަ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު، މިއީ ފާއިތުވި މަސް ދުވަހުގެ ތެރޭގައި ޕެގަސަސްގެ މަތިންދާބޯޓެއް ރަންވޭ މަތިން ކަހައިލި ދެވަނަ ފަހަރެވެ. މިދިޔަ މަހު ވެސް އެ އެއާލައިންގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހައިލި އެވެ. ނަމަވެސް، އެ ފަހަރު ބޯޓުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.