ހަބަރު

ރައުޔު ތަފާތު ނިންމުމެއް، ޔާމީނަށް ކާފާލާތެއް ނުދިން

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދޫ ކުރެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. މިގޮތަށް ކަނޑައެޅީ މި މައްސަލަ ބައްލަވާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މަނީ ލޯންޑަރިންގެ މައްސަލާގައި ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ރައީސް ޔާމީން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، ކަފާލާތުގެ ދަށުން ދޫކޮށް ހުކުމް ފަސްކޮށްދިނުމަށް އަމުރުކޮށް ދިނުމަށް ހައިކޯޓުގައި އެދިވަޑައިގެންނެވި އެވެ.

އެގޮތަށް އެދިވަޑައިގެންނެވީ ހައިކޯޓުން މީގެކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ފާރިސް މައުމޫން އެ ކޯޓުގެ ގަވައިދަށް ރިއާޔަތްކޮށް ކަފާލާތުގެ ދަށުން ދޫކޮށްފައިވާތީ އެވެ. އަދި ހުކުމް ފަސްކޮށްދިނުމަށް އެދިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ހުކުމް ފަސްކުރުމަށް މީގެކުރިން ސުޕްރީމް ކޯޓުން އަމުރުތައް ނެރެފައިވާތީ އެކަމަށް ރިއާޔަތްކޮށެވެ.

ރައީސް ޔާމީންގެ އެ ދެ އެދިވަޑައިގެންނެވުމާ ގުޅޭ ގޮތުން މިއަދު ހައިކޯޓުން ނިންމެވި ނިންމެވުމަކީ މިފަހުން އެ ކޯޓުގައި އެހާ ރައުޔު ތަފާތުކޮށް ނިންމެވި ނިންމުމެވެ. މި މައްސަލާގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ މިފަހުން ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރައީސް ޔާމީނަށް ކަފާލަތް ނުދޭން ތިން ފަނޑިޔާރުން އިއްތިފާގުވީ ނަމަވެސް އެ ނިންމުމަށް ވާސިލްވި ސަބަބުތައް ތަފާތެވެ.

ކުށްވެރިންނަށް ކަފާލާތެއް ނުދެވޭނެ: ފަނޑިޔާރު މަޒީދު

ކުށްވެރިންނަށް ކަފާލަތް ދިނުމަށް ގުޅޭ ގޮތުން އެންމެ ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު މަޒީދެވެ. ފަނޑިޔާރު މަޒީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުން ފެންނަ އޮތް ގޮތުން ކަފާލަތުގެ ހައްގު އޮތީ ތުހުމަތު ކުރެވޭ މީހާއަށް ކަމަަށާއި އެ ހައްގަކީ ކުށްވެރިވާ މީހުންނަށް އޮތް ހައްގެއް ނޫން ކަމަށެވެ.

ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި ކުށްވެރިންނަށް ކަފާލާތް ނުދިން ނަމަވެސް އެހެން ބައެއް ގައުމުތަކުގައި އެފަދައިން އަމަލު ކުރަމުންދާކަން ފާހަގަ ކުރައްވަމުން ފަނޑިޔާރު މަޒީދު ވިދާޅުވީ، އެހެން ގައުމުތަކުގައި އެފަދަ ކަފާލަތް ދިނުމަށް ލިޔެވިފައިވާ ގާނޫނުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޕީނަލް ކޯޑްގައި އެ ކަފާލާތުގެ ވާހަކަ ލިޔެ، ބައެއް ގައުމުތަކުގައި ބެއިލް އެކްޓް ވެސް ހަދާފައިވާ ކަމަށެވެ.

ފަނޑިޔާރު މަޒީދު ވިދާޅުވީ އެފަދަ ގައުމުތަކުގައި ވެސް އެއީ އަސާސީ ހައްގެއް ނޫން ކަމަށާއި ނަމަވެސް "ކޮންޑިޝަނަލް ރައިޓް"އެއް ކަމަށެވެ. އެއީ ވަކި ޝަރުތުތަކެއް އޮވެގެން ވަކި އިޖުރާއަތްތަކެއްގެ މަތިން ދެމުންދާ ކަފާލާތެއް ކަމަށެވެ. އެކަން ފަނޑިޔާރުންނާ އެ ގައުމުތަކުން ހަވާލުކޮށްފައިވަނީ ގާނޫނުގެ ތެރެއިން ކަމާއި އެއީ ފަނޑިޔާރުންނަށް އޮތް އިހްތިޔާރެއް ނޫންކަން ފަނޑިޔާރު މަޒީދު ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި ކުށްވެރިންނަށް ކަފާލަތް ދެވިދާނެ ކަމަށް ލިޔެފައި އޮތީ ހައިކޯޓުގެ ގަވައިދުގަ އެވެ. ނަމަވެސް އެ ގަވައިދާމެދު ފަނޑިޔާރު މަޒީދު ސުވާލު އުފެއްދެވި އެވެ. ފަނޑިޔާރު މަޒީދު، އެ ބޭފުޅާގެ ރައުޔު ހާމަ ކުރައްވަމުން ފާހަގަ ކުރެއްވި ގޮތުގައި ކޯޓުތަކަށް ހެދޭނީ ހަމައެކަނި އެ ކޯޓެއްގެ ހިންގުމާ ގުޅޭ ގަވައިދުތަކެވެ. ފަނޑިޔާރުންނަށް ގަވައިދުތައް ހެދުމުގެ ބާރެއް ނެތެވެ. ކުށްވެރިންނަށް ކަފާލަތް ދިނުމަކީ ހައިކޯޓުން އަމިއްލައަށް ހަދާފައިވާ ގަވައިދެއް ކަމަށާއި އެފަދަ ގަވައިދެއް ގާނޫނުގައި ނުބުނާ ޝަރުއީ އިޖުރާއަތެއް ހިމަނައިގެން ހެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ފަނޑިޔާރު މަޒީދު ވިދާޅުވީ މީހަކު ޖަލަށްލަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކުށްވެރިވުމުން ކަމަށާއި އެހެންކަމުން ގާނޫނަކުން ޖަލަށްލާފައިވާ މީހަކު ނެރެވޭނީ ވެސް ގާނޫނަކުންނެވެ. ގަވައިދަކަށް ރިއާޔަތްކޮށް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި، ކުށްވެރިވާ މީހުން އިސްތިއުނާފީ މަރުހަލާތަކުގައި ދޫކޮށްފައި ބޭއްތިބުމަކީ ގާނޫނު ހަދައި ކުށް ކަނޑައެޅުމުގެ މަގުސަދެއް ނޫންކަން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ހައިކޯޓުގައި އިސްތިއުނާފު ކުރާ މީހުންނަށް ކަފާލަތް ދެވޭނެ ކަމަށް ގަވައިދުގައި ލިޔެފައިވާ މާއްދާއަށް ގާނޫނީ ބާރު ލިބިގެން ނުވާ ކަމަށް ފަނޑިޔާރު މަޒީދު ނިންމެވި އެވެ.

ފަސް މިލިއަން ދީ، ކަފާލާތް ދެވިދާނެ: ފަނޑިޔާރު ނިޔާޒު

ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ޝަހީދުގެ ރައުޔުއަކީ ހައިކޯޓުގެ ގަވައިދަށް ރިއާޔަތްކޮށް ކުށްވެރިންނަށް ވެސް ކަފާލާތް ދެވިދާނެ ކަމަށެވެ. އެކަމަކު، މައްސަލައަށް ބެލުމަށްފަހު ރައީސް ޔާމީނަށް ކަފާލާތް ދޭން ޖެހޭނެ ހާލަތެއް ނެތް ކަމަށެވެ.

ފަނޑިޔާރު ނިޔާޒު، އެ ބޭފުޅާގެ ރައުޔު ހާމަ ކުރައްވަމުން ވިދާޅުވީ ކުށްވެރިންނަށް ކަފާލާތުގެ ހައްގަކީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އެކަން ނެތް ފާހަގަ ކުރެއްވި އެވެ.

ކުށްވެރިންނަށް ކަފާލާތް ދެވިދާނެ ކަމަށް ހައިކޯޓުގެ ގަވައިދުގައި ބުނެފައިވީ ނަމަވެސް އެއީ ވެސް ފަނޑިޔާރުންނަށް ދީފައިވާ އިހްތިޔާރެއް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ ކުރީގެ ރައީސް މައުމޫނާއި ގާސިމް އަދި ފާރިސް، ހައިކޯޓުން ކަފާލާތުގެ ދަށުން މިނިވަންކުރީ ވެސް އެ އިހްތިޔާރު ބޭނުންކޮށްގެން ކަމާއި ނަމަވެސް އެ އިހްތިޔާރު ފަނޑިޔާރުން ބޭނުން ކުރެއްވި ސަބަބެއް އެ އަމުރުތަކުގައި ލިޔެފައި ނެތް ކަމަށެވެ. އެހެންކަމުން އެ އަމުރުތަކަށް އެ ގޮތަށް ވާސިވާން ޖެހުނު ސަބަބުތައް ސާފު ނުވާ ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހައިކޯޓުގެ ގަވައިދަށް ރިއާޔަތްކޮށް ވެސް ކަފާލާތުގެ ދަށުން ދޫކުރެވޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބެލުމަށްފަހު ދޫ ކުރެވޭނެ ހާލަތެއް އޮތްނަމަ އެވެ. އެގޮތުން އެ މައްސަލައެއް ބާވަތާއި ހުކުމްގެ ބާކީ އޮތް މިންވަރާއި ދަށުގެ ކޯޓުގެ ޝަރީއަތުގައި ބޮޑެތި ގޯސްތައް ހަދާފައިވުމާއި ކުށްވެރި އާއި ޖަމާއަތުގެ މަސްލަހަތަށް ފަދަ ކަންކަމަށް ބަލަން ޖެހޭ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގައި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ނެތްކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ސުވާލު އުފައްދާފައިވަނީ ހެކިންނާ ގުޅޭ ގޮތުން ކަމާއި އެކަމަށް ހަމައެކަނި ބެލުމަށްފަހު ކަފާލާތް ނުދެވޭނެ ކަމަށެވެ. އޭގެއިތުރުން ރައީސް ޔާމީންގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ޝަރީއަތުގައި ވިދާޅުވެފައިވީ ނަމަވެސް އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަ ކުރައްވާފައިނުވާ ކަމަށެވެ. އެހެންކަމުން ސިއްހީ ހާލަތަށް ރިއާޔަތްކޮށް ވެސް ކަފާލާތް ނުދެވޭނެ ކަމަށެވެ،

އެހެން ކަން އޮތް ނަމަވެސް ކަފާލާތުގެ ފައިސާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ބެހެއްޓުމަށްފަހު ރައީސް ޔާމީނަށް ކަފާލާތް ނުދެވެންވީ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ ކަފާލާތުގެ އަދަދު ކަނޑައަޅާނެ އުސޫލެއް ނެތް ކަމަށާއި އެހެންކަމުން ހުކުމްގައި ބުނާ ޖޫރިމަނާ އަދަދު ކަފާލާތުގެ ގޮތުގައި ބެހެއްޓުމުން ދޫނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ކަފާލާތުގެ ދޫކޮށްލުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެއް ސަބަބަކީ ބަންދުގައި ހުރެގެން ޖޫރިމަނާގެ ފައިސާ ދެއްކޭނެ ގޮތެއް ނެތެވެ. އެހެންވެ، ފަނޑިޔާރު ނިޔާޒު ވިދާޅުވީ ކަފާލާތުން ދޫވެވެން އޮތް ހަމައެކަނި ގޮތަކީ ފަސް މިލިއަން ޑޮލަރު ދެއްކުން ކަމާއި އެކަމަކު ބަންދުގައި ހުރެގެން ފައިސާ ނުދެވޭނެ ކަމަށް ވިދާޅުވުފައި އޮތުމުން ކަފާލާތް ދެވެން ނެތީ ކަމަށެވެ.

ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ވިދާޅުވީ ކުށްވެރިންނަށް ކަފާލާތް ހައިކޯޓުގެ ގަވައިދަށް ބަލައި ދެވިދާނެ ކަމަށެވެ. އެއީ މީގެކުރިން އެގޮތަށް ހައިކޯޓުން ކަފާލާތް ދީފައިވާތީ ކަމަށާއި އެ ނިންމުންތަކާ ހިތްހަމަނުހިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އެ ނިންމުންތައް އިސްތިއުނާފުކޮށްފައިނުވާތީ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ އެ ނިންމުންތައް ވާނީ އަމަލު ކުރަމުންދާ ގަޟާއީ ނިންމުންތަކެއްކަން ފަނޑިޔާރު ޝަހީދު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ފާހަގަކޮށް، އެއީ ކަފާލާތް ނުދެވޭނެ ފަދަ ކުށްތަކެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކެއް ހިމެނޭ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވަނީ އެފަދަ ކުށެއް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ކަފާލާތް ދީފިނަމަ އެކަން ވެގެން ދާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ރޫހާ ހިލާފު ކަމަކަށް ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ.

ޔާމީންގެ ހުކުމް ފަސްކުރަން ފެނޭ: ފަނޑިޔާރު ޝަހީދު

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ފަސްކުރުމާމެދު ރައުޔު ތަފާތުވީ ފަނޑިޔާރު ޝަހީދުގެ އެވެ. ފަނޑިޔާރު ޝަހީދަށް ފެނިވަޑައިގެންނެވީ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރުއްވުމަށެވެ. ނަމަވެސް އަނެއް ދެ ފަނޑިޔާރުން އެކަމާ ދެކޮޅުވުން އަގުލަބިއްޔަތެއް އެ ރައުޔަށް ނުލިބުނެވެ.

ފަނޑިޔާރު ޝަހީދު، އެ ބޭފުޅާގެ ރައުޔު ހާމަ ކުރައްވަމުން ވިދާޅުވީ ހުކުމް ފަސްކުރުމުގެ އަމުރުތައް ވަރަށް ފަހުން ވެސް ސުޕްރީމް ކޯޓުން ނެރެފައިވާ ކަމަށެވެ. އެ އަމުރުތައް ނެރެދިނުމަށް ދައުލަތުގެ ފަރާތުން ވެސް އެދިފައި އެބަހުރި ކަމަށެވެ. އެ އަމުރުތަކަކީ އެންމެ މަތީ ކޯޓުގެ އަމުރުތަކަށްވާއިރު އެއީ ގަޟާއީ ނިންމުންތަކެއް ކަމަށެވެ.

އެ އަމުރުތައް ނެރުމުގައި ކުށުގެ ބާވަތަށް ބަލާފައިނުވާ ކަމަށާއި އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންގެ ހުކުމް ފަސްކުރުމަށް ވެސް އަމުރުތައް ނެރެފައިވާ ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ. އެހެންކަމުން ހުކުމް ފަސްކުރުމަށް އަމުރު ކުރުމުގައި ކުށުގެ ބޮޑު ކުޑަމިނަށް ބެލުމެއް ނެތްކަން ސާފުވެގެންދާ ކަމަށެވެ.

ފަނޑިޔާރު ޝަހީދު ވިދާޅުވީ ރައީސް ޔާމީނަކީ ނުރައްކާތެރި ކުށްވެރިތޯ ހައިކޯޓުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުން ވެސް އެއީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ސާފުކޮށް ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން ހުރިހާ ކަމަކަށް ރިއާޔަތްކޮށް ބަލާއިރު ރައީސް ޔާމީންގެ ހުކުމް ފަސްކުރުމަށް އެދިފައިވާ ގޮތުގެ މަތިން އެ އަމުރު ނެރެދިނުމަށް ފެންނަ ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ.

ހުކުމް ފަސްކުރުމާ ގުޅޭ ގޮތުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ އިސްތިއުނާފު ކުރުމަކީ އޮޓަމެޓިކުން ހުކުމް ފަސްވާނެ ކަމެއް ނޫން ކަމަށެވެ. އަދި، ހުކުމް ފަސްކުރުމުގެ އިޖުރާއަތެއް ގާނޫނެއްގައި ނެތްކަން ވެސް ފަނޑިޔާރު ނިޔާޒު ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު މަޒީދު ވިދާޅުވީ ހުކުމް ފަސްކުރުމަށް އަމުރު ކުރުމަކީ ފަނޑިޔާރުންނަށް ލިބިގެންވާ އިހްތިޔާރެއް ކަމަށާއި ނަމަވެސް އެ އިހްތިޔާރުގެ ބޭނުން ފަނޑިޔާރުން ހިފަން ޖެހޭނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށެވެ. މި މައްސަލާގައި އެފަދަ ސަބަބުތަކެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނިންމަވައި ފަނޑިޔާރު މަޒީދު ވެސް ކަނޑައެޅުއްވީ ހުކުމް ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

ތިން ފަނޑިޔާރުންގެ ރައުޔު ތަފާތު ނިންމެވުން އިއްވެވުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެވެ. މި މަހުގެ ތެރޭގައި އިތުރު އަޑުއެހުންތަކެއް ބާއްވާނެ ކަމަށް ފަނޑިޔާރު މަޒީދު އިއުލާން ކުރެއްވި އެވެ. ދެން އޮންނަ އަޑުއެހުންތަކުގައި އޮންނާނީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް ވާހަކަ ދެއްކުމެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން 80 އަށްވުރެ އިސްތިއުނާފީ ނުކުތާތައް ވަނީ ހުށަހަޅާފަ އެވެ.

މިއަދުގެ އަޑުއެހުން އަޑުއަހަން ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އިސް ބޭފުުޅުން ވެސް ހިމެނެ އެވެ. ކޯޓު ބޭރު ބެރިކޭޑް ޖަހައި ފުލުހުން ބަންދުކޮށްފައި އޮތްއިރު ބޭރުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޑުގަދަ ކުރަމުން ވެސް ބަޔަކު ދިޔަ އެވެ. ޝަރީއަތުގެ އަޑުއެހުމަށްފަހު މިހާރު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.