ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާއިން އައިސްތިބި ދެ ދިވެއްސަކު ކަރަންޓީނުކޮށްފި

Feb 6, 2020

ޗައިނާ އިން ފެތުރިގެން އުޅޭ އާ ކޮރޯނާ ވައިރަސްގެ އިންކިޔުބޭޝަންގެ މުއްދަތުގެ ގޮތުގައި ބަލައި، 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށް ފަހު، އެހެން ގައުމަކުން ރާއްޖެ އަަށް އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޗައިނާ އަށް ދަތުރުކޮށްފައިވާ ދެ ދިވެހިން ފަރުކޮޅުފުށީގައި އެކަަހެރިކޮށްގެން ބަލަހައްޓަމުން އަންނަ ކަމަށެވެ.

ނަމަވެސް، އެ ދެ މީހުން އެކަހެރިކޮށްފައިވަނީ ބައްޔަށް ޝައްކު ކުރެވިގެން ނޫން ކަމަށާއި، އެ ދެ މީހުންގެ ގައިން ބަލީގެ އަލާމާތެއް އަދި ފެންނަ ކަަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ޗައިނާއިން އައުޑްބައުންޑް ވެފައިވާ ހިސްޓްރީއެއް އޮތީމަ އަޅުގަނޑުމެން ފަރުކޮޅުފުށީގައި ދެ ދިވެހިން ބަލަހައްޓަމުން އެބަ ގެންދަން. އެއީ އެއްވެސް ހާލެއްްގައި، ބަލީގެ އަލާމާތެއް އެކަހަލަ ކަމެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފަރުކޮޅުފުށީގައި އެކަހެރިކޮށްފައި ތިބި ދެ މީހުންގެ ގައިން އެއްވެސް އަލަމާތެއް ނުފެންނާތީ ކޮރޯނާ ވައިރަސް އަށް އަދި ޓެސްޓް ނުކުރާނެ ކަަމަށެވެ.

މީގެ ކުރިންވެސް، ކޮރޯނާ ވައިރަހާއި ގުޅިގެން ޓެސްޓްތައް ހެދުމަށް ހަތް ދިވެއްސަކު އެކަހެރި ކުރެވުނެވެ. ނަމަވެސް، ކޮރޯނާ ވައިރަހަށް ޓެސްޓްތައް ހެދުމުން އެ މީހުންގެ ގައިން އެ ވައިރަހުގެ އަސަރު ފެނިފައި ނުވާތީ އެމީހުން ވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ދޫކޮށްލައިފަ އެވެ.