މުހައްމަދު މަލީހު ޖަމާލް

ނިހާދުގެ ވާހަކަތަކަށް މިނިސްޓަރު މަލީހް ރައްދު ދެއްވައިފި

ހާލުގައި ޖެހި، ގޮތް ހުސްވި ދުވަހު އެހީތެރިވެދިން މީހުންނަށް ތެޔޮ ހަމެއް ދޭނަމަ މަރިޔަބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް، މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްދު ދެއްވައިފި އެވެ.

ޓީވީ ޝޯއެއްގައި ވާހަކަދައްކަވަމުން މެންބަރު ނިހާދު ވަނީ ޖުމްހޫރީ ޕާޓީގެ ތިން ވަޒީރެއްގެ ނަން ވިދާޅުވެ އެ ބޭފުޅުން ދިފާއު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރު މަލީހާއި، މިނިސްޓަރު އަމީން އަދި މިނިސްޓަރު އައިޝަތު ނަހުލާގެ މޫނަށް ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ. ނިހާދު ވަނީ މި ސަރުކާރު ހިންގުމަށް ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

ނިހާދުގެ އެ ވާހަަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މަލީހް ވިދާޅުވީ އެެއް ޕާޓީއަކަށް ވެރިކަން ހިންގަން ރައްޔިތުން ހަވާލުނުުކުރާ ކަމަށެވެ. އަދި އެގޮތަށް ރައްޔިތުންގެ ތާއީދުވެސް ނެތް ކަމަށް ވިދާޅުވިއެވެ.

"ހާލުގައި ޖެހި، ބުންވަރު ހުސްވެ ހަދާނެ ގޮތް ހުސްވި ދުވަހު އެހީތެރިވެދިން މީހުންނަށް ތެޔޮހަން ދޭނަމަ މަރިޔަބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ." މަލީހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ގިނަ ސިޔާސީ ޕާޓީތަކެއް ކުރި ބުރަ މަސައްކަތުންނެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ވެރިކަން ހިންގާނެ ކަމަށް ވައުދުވެވަޑައިގެންނެވެ. އެ ވައުދާ އެއްގޮތަށް ރައީސްގެ ކެބިނެޓްގައި ހަތަރު ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅުން އެބަތިއްބެވިއެވެ.

ނަމަވެސް މިފަހުން އެމްޑީޕީގެ އެންމެ އިސް ބޭފުޅުން ގެންދަވަނީ ކޯލިޝަން ރޫޅާލުމަށް ހިތްވަރު ދެއްވާ، ވެރިކަން ކުރަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށް ވިދާޅުވަމުންނެވެ. އަދި އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ ވަޒީރުންގެ ނަންތައް ވިދާޅުވެ އެ ވަޒީރުންނަށް ޒިންމާ އަދާނުކުރެވޭ ކަމަށްވެސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.