ހަބަރު

އިސްތިއުފާ ދިނީ އިހުމާލެއް އޮވެގެން ނޫން: ޝިދާތާ

ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިހާރު ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އިހުމާލެއް އޮވެގެން ނޫން ކަމަށާއި އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ ކަމަށް ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ނެރުއްވި ބަޔާނެއްގައި ޝިދާތާ ވިދާޅުވީ މިދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާޔަށް ހަލަބޮލިވެ އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި އޮތްއޮތުން ނިމުމަކަށްއައިސް ކުރިން ހިނގަމުން އައި އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންގެވެސް ސަމާލުކަން ނުލިބިހުރި މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އަދި މި މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތު އެންމެ މަސްލަހަތު ހުރިގޮތަކީ މަގާމުން އިސްތިއުފާ ދިނުންކަމުގައި ކަމަށް ބަޔާނުގައި ވެ އެވެ.

ޝިދާތާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ނިންމުމަކީ މިދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އޭނާ އާއެކު މަސައްކަތް ކުރި ޓީމުގެ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތްތަނުގައި ހާމަ ވާނެ ކަމަށެވެ.

އަދި، އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ފެށިފައި ވުމަކީ މިނިސްޓަރު ކަމުގައި ހުންނަވައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ސިފަ ކޮށްފަ އެވެ.

"ބޮޑެތި ގޮންޖެހުންތަކާއެކުވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ކުޑަކުދިންނާއި އަންހެނުންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ރަގަޅު ކުރުމަށާއި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުންގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގިނަ ކާމިޔާބީތައް ހޯދިފައިވާކަން އުފަލާއެކު ފާހަގަކުރަން.." ބަޔާނުގައި ވެ އެވެ.

އިތުރަށް ބުނެފައިވަނީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި މަސައްކަތްތަކާ އެކު ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މި ވުޒާރާ ހިންގާ ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅުވުން ކަމަށެވެ. އަދި މިނިސްޓްރީއާމެދު ދައުލަތާއި ރައްޔިތުންގެ އިތުބާރު އިތުރުވެގެން ދިއުން ކަމުގަ އެވެ.

ޝިދާތާ ވަނީ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދިން ކަމުގައި ވިޔަސް ސިޔާސީ ދާއިރާގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.