ޑްރީމްސް މޮބައިލުން މާލޭގައި އިތުރު ފޯނު ފިހާރައެއް މިރޭ މާލޭގައި ހުޅުވައިފި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި ފިހާރަ ޑިޒައިންކޮށްފައިވާ ގޮތުން އެނގިގެން ދަނީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ފެންވަރަކަށް ރާއްޖޭގައި ވެސް ހިދުމަތް ދޭން ފަށާފައިވާކަން ކަމަށެވެ.
"މި ފިހާރާގައި އެކްސްޕީރިއަންސް ކައުންޓަރުތަކާ އެއްކޮށް ހެދިފައި މިހުރީ. އެހެންވެ އެނގެނީ ބައިނަލްއަގުވާމީ ތަންތަނުގައި ހުންނަ ގޮތަށް ތަޖުރިބާކޮށްލަން ލިބުމަކީ މިއަދުގެ ޒުވާނުން ވަރަށް ބޭނުންވާނެ ކަމެއް،" ސައީދު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޑްރީމްސް ހޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހުސެއިން ވިދާޅުވީ މި ފިހާރަ ހުޅުވިގެން ދިޔައީ ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.
"މި ފިހާރަ ހުޅުވުމަކީ ޑްރީމްސް ހޯލްޑިންގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަމެއް. މި މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފިހާރަ ރާއްޖޭގެ އެހެން މޮބައިލް ފިހާރަތަކާ ތަފާތު ވާނެ ކަމަށާއި، ޑްރީމްސް މޮބައިލުން އަބަދުވެސް ކަސްޓަމަރުންނަށް އިސްކަން ދެމުން ގެންދާ ކަމަށެވެ.
"މި ފިހާރައިގެ ތަފާތަކީ ފޯނު ގަންނަން އައުމުން ފޯނާ ބެހޭ ހުރިހާ މައުލޫމާތެއް ދީ. އެ ފޯނެއްގައި ހުރި ހުރިހާ ސިފަތަކެއް ވެސް ދައްކާލާނެ. އެ ފޯނުން ކުރެވެނީ ކޮން ކަހަލަ މަސައްކަތެއްކަން ބަލައިލަން ފުރުސަތު ލިބޭނެ،" އިބްރާހިމް ވިދާޅުވި އެވެ.