އުމަރު ނަސީރު

ވޯޓުންވެސް މަގުމަތިންވެސް އެމްޑީޕީ ބަލިކުރެވޭނެ: އުމަރު

އެމްޑީޕީއަކީ މަގުމަތިންވެސް، ވޯޓްފޮށިންވެސް ބަލިކުރެވޭނެ ބައެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެމްޑީޕީއާއި ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.

އުމަރު، އެމްޑީޕީއާއި ރައީސް ނަޝީދަށް ފާޑުވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ އައް އަހަރު ފުރުމާއި ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އަބަދުވެސް ރައީސް ނަޝީދާއި، އެމްޑީޕީއަށް ފާޑުވިދާޅުވަމުން ގެންދަވާ އުމަރު ވިދާޅުވީ މިއަދުވެސް އިދިކޮޅު ސަފުތައް އައު ލީޑާޝިޕަކާއެކު އަލުން ރުކުރުވާލެވިއްޖެނަމަ އެމްޑީޕީ ބަލިކޮށްލެވޭނެ ކަަމަށެވެ.

"އެމްޑީޕީއަކީ މަގުމަތިންވެސް، ވޯޓްފޮށިންވެސް ބަލި ކުރެވޭނެ ބައެއްކަން އަޅުގަނޑުމެން ވާނީ ސާބިތުކޮށްދީފައި." އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ ފެބްރުއަރީ 7، 2012 އަކީ ރައްޔިތުންނަށް ބޮޑު ކާމިޔާބެއް ލިބިގެންދިޔަ އުފާވެރި ދުވަހެއް ކަމަށް ވިދާޅުވެފައެވެ. އަދި ދުވަހުގެ ތަހުނިޔާ އާންމުންނަށް ވަނީ ފޮނުވާފައެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން މީގެ އައް އަހަރު ކުރިން ބަދަލުވެގެންދިޔައީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ ހިނގާދިޔަ ސިޔާސީ ހަމަނުޖެހުން ތަކަކަށް ފަހުއެވެ. ރައީސް ނަޝީދާއި އެމްޑީޕީން ވަނީ އެދުވަހު ވެރިކަން ބަދަލުކޮށްލީ ބަގާވާތަކުން ކަމަށް ވިދާޅުވެފައެވެ. ރައީސް ވަހީދުުގެ ވެރިކަމުގައި އެކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލިއެވެ. އެ ކޮމިޝަންގެ ރިޕޯޓްގައި އެ ދުވަހު ވެރިކަން ބަދަލުވީ ބަގާވާތަކުން ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.