އޮފްބީޓް

10 މިނިޓުން ކައިވެނި ކުރުމަށްފަހު ޗައިނާ ޑޮކްޓަރު އެނބުރި ހޮސްޕިޓަލަށް

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން 500 ވަރަކަށް މީހުން ވަނީ މަރުވެ، ވައިރަސް ޖެހިދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ނަމަވެސް އެ ބިރަށް ފަސް ޖެހުމެންނެތި ޗައިނާ ޑޮކްޓަރުން ދަނީ ކޮރޯނާވައިރަސް ޖެހިފައިވާ ބަލި މީހުން ސަލާމަތް ކުރުމަށްޓަކައި ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ބަލިވެފައިވާ މީހުންނަށް ފަރުވާ ދޭ ޑޮކްޓަރުންނަކީ އެ ވައިރަސް ގަޔަށް އެރުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް ވީ ނަމަވެސް ޑޮކްޓަރުން ފަހަށް ނުޖެހި އެމީހުންގެ ޑިއުޓީ އަދާކުރަމުންދަނީ ތައުރީފު ހައްގު ގޮތަކަށެވެ.
މީގެ ތެރެއިން ވެސް އެއް ޑޮކްޓަރަކު ޗައިނާގެ ނޫސްތަކުގެ ސުރުޚީއަށް އެރީ އޭނާގެ ކައިވެނީގެ ރަސްމިއްޔާތު ކުރުކޮށްލާފައި ބަލިމީހުންނަށް ފަރުވާ ދިނުމަށް އެނބުރި ދިޔައިމަ އެވެ.

ޗައިނާ ޓައިމްސްގައިވާ މި ޚަބަރުގައިވާ ގޮތުން ޑރ. ލީ ޒީކިއަންގް އާއި އޭނާގެ އަލަތު އަނބިމީހާ ޔޫ ހޮންގްޔާން ކައިވެނި ކުރީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ޗައިނާގެ ޝެންޑޮންގްގެ ހެޒޭ ގައެވެ. ކައިވެނީގެ ރަސްމިއްޔާތު ވީހާވެސް ކުރުކޮށްލާފައި ނިންމާލަން މި ދެމަފިރިން އެއްބަސްވީ ޑރ. ލީ އަށް އެނބުރި ހޮސްޕިޓަލަށް ދިއުމުގެ މުހިއްމުކަން ބޮޑުކަމުންނެވެ.

ކައިވެންޏަށްފަހު މެންދުރުގެ ކެއުމަށް އިންސާފުކުރަން ވެސް ޑރ. ލީ މަޑުނުކޮށް އެނބުރި ދިޔައީ އެވެ. މި ކައިވެނީގެ ރަސްމިއްޔާތަށް ހާޒިރުވީ ވެސް ޑރ. ލީގެ އާއިލާގެ މީހުންނާއި ކައިވެނި ކޮށްދޭ މީހުން އެކަންޏެވެ. ޗައިނާގެ މީހުން އާއްމުކޮށް ކައިވެނިކުރާއިރު ބާއްވާ އެއްވެސް ރަސްމިއްޔާތެއް ވެސް މި ދެމަފިރިން ނުބާއްވަ އެވެ.

ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން ދައްކާ ހިތްވަރާއި ކުރާ މިންނަތް މަސައްކަތް ޑރ. ލީ ކަހަލަ ޑޮކްޓަރުންގެ ފަރާތުން ދަނީ ހާމަވަމުންނެވެ. މި ޚަބަރު އާއްމުވުމުން ވަރަށް ގިނަ ބަޔެއްގެ ތައުރީފު ޑރ. ލީ އަށް ދަނީ ލިބެމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން މިހާޜުވެސް 24،000 މީހުންނަށް ޗައިނާގެ އެކި ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 3،000 މީހުން ތިބީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ހާލަތެއްގަ އެވެ