މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް ފިސްތޯލަ ދިނުމަކީ ހަދާނެ އެންމެ ބޮޑު ގޯސް: ދީދީ

ފުލުހުންނަށް ހަތިޔާރު ހަވާލުކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އަދި ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ގޮވާލައްވައިފި އެވެ.

ނޮވެންބަރު ތިނެއްގެ ބަތަލެއް ކަމަށްވާ ބްރިގޭޑިއާ އިބްރާހިމް ދީދީ މިހެން ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވޮޓް ފުލުހުން ފިސްތޯލް ހިފައިންގެ ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތަށް އަތުވެއްޖެ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވުމާއި ގުޅިގެންނެވެ.

ދީދީ ވިދާޅުވީ ފިސްތޯލަ ހިފައިންގެ ނިކުންނަންވީ ސިފައިން ކަމަށެވެ. ސަލާމަތީ ހިދުމަތްތައް ރޭވިފައިވާ ގޮތުން ލީތަލް ހަތިޔާރާއެކު ނިކުންނަންވާނީ ދިފާއީ ބާރުން ކަމަށް ދީދީ ވިދާޅުވިއެވެ.

"މިއީ އެހެން ގައުމަކާއި ހަނގުރާމަ ކުރަން ދުވަހަކުވެސް ޖެހޭނެ ގައުމެއް ނޫން."

އިބްރާހިމް ދީދީ ވިދާޅުވީ މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަމަކީ ފުލުހުންނަށް ލީތަލް ހަތިޔާރު ހޯދަން ގޮވަންނުޖެހޭ މިންވަރަށް ސިފައިން ނިކުމެ ގައުމު އަމާން ކުރުން ކަމަށެވެ.

"ދިވެހިރާއްޖޭގައި ފުލުހުންނަށް ލީތަލް ހަތިޔާރު ހަވާލުކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް." އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައި ތިމަރަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ކުރީގެ ސީޕީ ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވޮޓް ފުލުހުން ފިސްތޯލް ހިފައިންގެ ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތަށް އަތުވެއްޖެ ކަމަށް ދެކޭ ކަމަށެވެ. އަދި ގައުމު އަމާން ކުރެވޭނީ ފުލުހުން ބާރުވެރި ކޮށްގެން ކަަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާ އާ ގުޅިގެން ފުލުހުން ރޭ ބޭއްވި ނިއުސް ބްރީފިންގައި ބުނީ، އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ މުޅިންވެސް ދިވެހިންނެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށާ މިއީ ތަހުގީގުގެ އެންމެ ކުރީކޮޅު ކަމުން މިވަގުތު ބައެއް މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ.

"މި ކަން ކުރި އެންމެހައި ފަރާތްތައް ހޯދައި، ގާނޫނުގެ ކުރިމައްޗަށް ގެންނާނަން. އޭގެ ތެރޭގައި މިކަމުގައި އެހީތެރިވި ފަރާތްތައް ހިމެނޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ މި ހަމަލާދީފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށެވެ.