ފުލުހުންނަށް ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން (ސީއީޑަބްލިއު) ނުވަތަ ކަރަންޓް ޖައްސާ ބަޑި ދޭން އަޖުމަބެލުން ތަކެއް ހިންގަން ފުލުހުން ނިންމާފައިވާއިރު އެކަމާ ރައްޔިތުންގެ މަޖިލީހުގެ ބަައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށް، ދެކޮޅު ހަދައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުސް އޮފިސަރުންގެ ސަލާމަތަށާއި އާންމުންގެ ރައްކާތެރި ކަމަށްޓަކައި ފުލުހުންނަށް ސީއީޑަބްލިއު ދިނުމުގެ ޓްރައިލްތައް -- އަޖުމަ ބެލުމެއް -- ފަށާފައިވާ ކަމަށެވެ. އެ ބަޑި ބޭނުން ކުރާނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ކަމަށާއި އެއީ އާންމުންނާއި ފުލުހުންނަށް ބަޔަކު ގެއްލުން ދޭން މަސައްކަތް ކުރާ ހާލަތްތަކުގައި ބޭނުން ކުރަން ރަނގަޅު އެއްޗެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހަތިޔާރު ބޭނުން ކުރާނެ އުސޫލުތަކެއް ހުންނާނެ ކަމަށާއި އަދި އިތުރަށް މޮނިޓާ ކުރުމަށް އެ ބޭނުން ކުރާ ފުލުހުން ގައިގައި ބޮޑީ ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޒާމް ފަހުމީ ވިދާޅުވީ މިހާތަނަށް ފެނިފައި ވަނީ ފުލުހުން ރައްޔިތުންނަށް ހަމަލާދީ އަނިޔާ ކުރިތަން ކަމަށެވެ. ރައްޔިތުން ނިކުމެ ފުލުހުންނަަށް އަނިޔާ ކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ރީހެބިލިޓޭޓް ނުކޮށް މިފަދަ ހަތިޔާރެއް ދިނުން ރައްކާތެރިތޯ އޭނާ ސުވާލު ކުރައްވާފައި ވެއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އުޝާމް ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ގާނޫނުތަކަށް ފުރިހަމައަށް އަހުލުވެރިވެފައި ނުވާ ކަމަށެވެ. އެކަން ނުކޮށް އަދި ފުލުހުންގެ މުއައްސަސާ ރަނގަޅަށް ރިފޯމް ނުކޮށް މިފަދަ ބާރުތަކެއް ދިނުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެކަމާ އޭނާވެސް ކަންބޮޑުވާ ކަމަށެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ހާއްސަ ތަމްރީން ލިބިފައިވާ ފުލުހުންގެ ބަޔަކަށް ޓޭޒާ ހަތިޔާރު ބޭނުން ކުރެވޭ ގޮތަށް ހަމަޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.